ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ހިނގާ އާސަންދަ އާއި ސަބްސިޑީއަށް ކުޑަކުރުމަށް ސަރުކާރުން އަޅަން ފަށާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ޚަރަދު ކުޑަވާން ފަށާފައިވާ ކަމަށް މާލީ ހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އާންމުކުރާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި މަހުގެ ފަސް ވަނަ ދުވަހާ ހަމައަށް، އާސަންދަ އާއި ސަބްސިޑީ ދޭން ކުރި ހޭދަ ވަނީ މިދިޔަ އަހަރުގެ މިހާތަނާ އަޅާބަލާއިރު، ވަރަށް ބޮޑުތަނުން ކުޑަކުރެވިފައެވެ.
މި އަހަރު އާސަންދައަށް ޚަރަދު ކުރި 1.88 ބިލިއަން ރުފިޔާއަކީ މިދިޔަ އަހަރާ އަޅާބަލާއިރު، ގާތްގަނޑަކަށް 101 މިލިއަން ރުފިޔާ މަދު ޢަދަދެކެވެ.
ސަބްސިޑީ ދިނުމަށް ދައުލަތުން ކުރި ޚަރަދު ވެސް ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު، ކުޑަކުރެވިފައެވެ. މިދިޔަ އަހަރު އެހާތަނަށް ސަބްސިޑީ ދޭން 3.68 ބިލިއަން ރުފިޔާ ޚަރަދުކޮށްފައި ވިޔަސް، މި އަހަރު އެ ޚަރަދު ވަނީ 3.44 ބިލިއަން ރުފިޔާއަށް ކުޑަކުރެވިފައެވެ. އެއީ ގާތްގަނޑަކަށް 233 މިލިއަން ރުފިޔާގެ ތަފާތެކެވެ.
ކޮންމެ އަހަރަކު ވެސް ބަޖެޓުކުރާ ޢަދަދަށް ވުރެ އިތުރަށް އެތައް މިލިއަން ރުފިޔާއެއް އާސަންދަ އާއި ސަބްސިޑީއަށް އިސްރާފުވަމުން ދާތީ، މި ސަރުކާރުން ވަނީ އެ ދެ ނިޒާމު އިސްލާހުކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމައި، އަދި ބައެއް ފިޔަވަޅުތައް ތަންފީޒުކުރަން ވެސް ފަށާފައެވެ.
އެގޮތުގެ މަތިން ވަނީ ބޭހުގެ އަގު ކޮންޓްރޯލްކޮށް، އެސްޓީއޯއާ ގުޅިގެން ގަނޑުކޮށް ބޭސް ގެނައުމުގެ ނިޒާމަކަށް ބަދަލުކޮށްފައެވެ.
އާސަންދައަށް ދައުލަތުން ކުރާ ހޭދަ ކުޑަކުރުމަށް އެންމެ މުއްސަނދިންގެ އަތުން އަންނަ އަހަރުން ފެށިގެން ޕްރީޕޭއެއް ނުވަތަ ވަކި ޢަދަދެއް ދައްކަން ޖެހޭ ގޮތަށް ބަދަލުކުރުމާއި އެންމެ ގިނައިން އާމްދަނީ ލިބޭ މީހުން އައުޓްޕޭޝަންޓް ޚިދުމަތްތައް ހޯދުމާއި ޒަރޫރީ ނޫން ބޭސް ގަންނައިރު ބިލުގެ ވަކި ޢަދަދެއް ކޮންޓްރިބިއުޝަނެއްގެ ގޮތުގައި ދައްކަން ޖެހޭ ގޮތަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައެވެ.
އާސަންދައަށް ގެންނަ ހުރިހާ ބަދަލުތަކުން ދައުލަތުގެ ބަޖެޓުން އަހަރަކު 600 މިލިއަންއަށް ވުރެ ގިނަ ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.