ޗައިނާއަކީ އަބަދުވެސް ދިވެހިރާއްޖޭގެ އިތުބާރުއޮތް ރަޙްމަތްތެރިއެއް - ނައިބު ރައީސް

އައިޝަތު ރުވާ ރިފްޢަތު | 88 ދުވަސް ކުރިން - 10:47
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް/ ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ދިވެހިރާއްޖެއިން "ވަން-ޗައިނާ" ޕްރިންސިޕަލާމެދު ގެންގުޅޭ ދެމެހެއްޓެނިވި އިލްތިޒާމަކީ ދެ ޤައުމުގެ ގުޅުން ދެމެހެއްޓުމުގެ މައިގަނޑު ތަނބުކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ނައިބު ރައީސް ވިދާޅުވި.

ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ބްލޫ އިކޮނޮމީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ފޯރަމްގެ ތިންވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ލީޑަރުންނާއި ޗައިނާ ސަރުކާރުގެ އޮފިޝަލުންނާއެކު ބޭއްވެވި ގްރޫޕް ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް، މިއަދު ތަޤުރީރު ކުރައްވައިފިއެވެ. މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ޗައިނީސް ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސް (ސީ.ޕީ.ޕީ.ސީ.ސީ)ގެ ނެޝަނަލް ކޮމިޓީގެ ވައިސް ޗެއާމަން ވޯންގް ޔޮންގްއެވެ.

ނައިބު ރައީސް ވިދާޅުވީ، ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީ.އައި.ޑީ.ސީ.އޭ) އާއި ޔުނަން ޕްރޮވިންޝަލް ޕީޕަލްސް ގަވަރމަންޓުން ދެއްވި ހޫނު މެހެމާންދާރީއަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާކަމަށެވެ. އަދި ޗައިނާއަކީ އަބަދުވެސް ދިވެހިރާއްޖޭގެ އިތުބާރުއޮތް ރަޙްމަތްތެރިއެއްކަމުގައި ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއިން "ވަން-ޗައިނާ" ޕްރިންސިޕަލާމެދު ގެންގުޅޭ ދެމެހެއްޓެނިވި އިލްތިޒާމަކީ ދެ ޤައުމުގެ ގުޅުން ދެމެހެއްޓުމުގެ މައިގަނޑު ތަނބުކަމުގައި ދެކެވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން، މި ފޯރަމްގެ ތިންވަނަ ބައްދަލުވުމަކީ، ދެ ޤައުމުގެ މެދުގައި އެއްބާރުލުމާއި ތަޖުރިބާ ހިއްސާކުރުމަށް ލިބުނު މުހިންމު ފުރުޞަތެއްކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމަށްފަހު ނައިބު ރައީސް ވަނީ ޗައިނާ ސަރުކާރުގެ އޮފިޝަލުންނާއި ބޭރުގެ މުހިންމު މެހެމާނުންނާއެކު ހަނދާނީ ފޮޓޯއެއް ނަންގަވާފައެވެ.

މި ފޯރަމްގެ މަޤްޞަދަކީ އިންޑިއާ ކަނޑު ސަރަޙައްދުގެ ޤައުމުތަކުގެ މެދުގައި ނޫ އިޤްތިޞާދީ ތަރައްޤީއަށް އެއްބާރުލުން އިތުރުކުރުމެވެ. މި ބައްދަލުވުމުގައި ސަރަޙައްދުގެ ގިނަ ޤައުމުތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.          

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%