ތިން މިނިސްޓްރީގެ މަސައްކަތްތައް ދަރުބާރުގޭގައި ފަށައިފި

އަހްމަދު އީޒާން | 134 ދުވަސް ކުރިން - 15 ޑިސެންބަރު 2024 13:02
މިނިސްޓްރީތަކުގެ މަސައްކަތް އަލުން ފެށުމަށް ދަރުބާރުގެ ތައްޔާރުކުރަނީ. / ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ
މިނިސްޓްރީތަކުގެ މަސައްކަތް އަލުން ފެށުމަށް ދަރުބާރުގެ ތައްޔާރުކުރަނީ. / ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ
ޚުލާސާ

މިނިސްޓްރީތައް ހިންގަމުން އައި ޢިމާރާތުގައި ރޯވެ، އެ ޢިމާރަތް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި. އެހެންވެ، އެ މިނިސްޓްރީތަކުގެ މަސައްކަތް އަލުން ފެށުމަށް ސަރުކާރުން ވަނީ ދަރުބާރުގޭގައި ވަގުތީ ސެޓަޕެއް ހަދާފައި.

ހައުސިންގ މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރަމަންޓް މިނިސްޓްރީގެ މަސައްކަތްތައް ދަރުބާރުގޭގައި އަލުން ފަށައިފިއެވެ.

އެ ތިން މިނިސްޓްރީ ހިންގަމުން އައި ޢިމާރާތުގައި މިދިޔަ ބުރާސްފަތި ދުވަހު ވަރަށް ބޮޑަށް ރޯވެ، އެ ޢިމާރަތް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ. އެހެންވެ، އެ މިނިސްޓްރީތަކުގެ މަސައްކަތް ވީހާ ވެސް އަވަހަކަށް އަލުން ފެށުމަށް ސަރުކާރުން ވަނީ ދަރުބާރުގޭގައި ވަގުތީ ސެޓަޕެއް ހަދާފައެވެ.

އެ މިނިސްޓްރީތަކުގެ މުވައްޒަފުން މިއަދު ވަނީ އެނބުރި މަސައްކަތަށް ނުކުމެފައެވެ. އަދި އެ މިނިސްޓްރީތަކުން އާންމުންނަށް ދެމުން އައި ޚިދުމަތްތައް ވެސް ދަރުބާރުގެއިން މިއަދު ވަނީ އަލުން ދޭން ފަށާފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު 6:30 ހާއިރު އެންމެ ފުރަތަމަ ރޯވީ ހައުސިންގ މިނިސްޓްރީގައެވެ. އަދި އޭގެ ފަހުން، ހުޅުގަނޑު ފެތުރި، އެ ޢިމާރާތުގައި ހިންގާ ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި އެ ތަނާ ޖެހިގެން ހުންނަ އެންވަޔަރަންމެންޓް މިނިސްޓްރީގައި ވެސް ރޯވިއެވެ. އެ ޙާދިސާގައި މުޅި އިމާރާތް ވަނީ އަނދައި ހުލިވެފައެވެ. އެހެންވެ، ސަރުކާރުން ވަނީ ހަމަ އެ ދުވަހު އެ ތިން މިނިސްޓްރީގެ މަސައްކަތްތައް ވަގުތީ ގޮތުން ދަރުބާރުގެއަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައެވެ.

ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބް އިއްޔެ ވިދާޅުވީ ރައްޔިތުންނަށް ދަތި ނުވާނެ ގޮތަށް މަސައްކަތްތައް އިންތިޒާމުކުރުމަށް ޚާއްސަ އިސްކަމެއް ސަރުކާރު ދޭ ކަމަށާއި، އެހެންކަމުން ދަރުބާރުގޭގެ ތިން ހޯލުގައި ތިން މިނިސްޓްރީގެ ޚިދުމަތްތައް ދެވޭ ވަރަށް ޖާގަ އޮތުމުން އެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.

އެ ހޯލުތައް މިއަދަށް ރެޑީކުރެވުނީ އެ މިނިސްޓްރީތަކުގެ މުވައްޒަފުންނާއި ސަރުކާރުގެ ބައެއް ކުންފުނިތަކުގެ މުވައްޒަފުން ވެސް ގުޅިގެން، މިދިޔަ ހަފުތާ ބަންދުގައި 24 ގަޑިއިރު މެދުކެނޑުމެއް ނެތި ކުރި މަސައްކަތުންނެވެ.

ދަރުބާރުގޭގައި ހެދި ވަގުތީ އޮފީސްތަކުގައި ބޭނުންކުރަނީ ޗައިނާ ސަރުކާރުން ފޮރިން މިނިސްޓްރީއާ ހަވާލުކޮށްފައި ހުރި ކޮމްޕިއުޓަރު ސިސްޓަމްތަކެއް ކަމަަށާއި، އަދި މާލެއިން ލިބެންހުރި އިތުރު ކޮމްޕިއުޓަރު ސިސްޓަމްތައް ވެސް ބޭނުންކުރާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

މާލޭ ސިޓީ ކައުންސިލްގެ ވައިޓަލް ރެޖިސްޓްރޭޝަންގެ އޮފީސް ވެސް ހިންގަމުން ދިޔައީ ރޯވި ޢިމާރާތުގައެވެ. އެ އޮފީހުގެ މަސައްކަތްތައް މިހާރު ވަނީ ހުޅުމާލެއަށް ބަދަލުކޮށްފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%