ސަރުކާރުގެ މުހިންމު މަޢުލޫމާތުތައް ރިކަވާ ކުރެވޭނެކަމުގެ ޔަޤީންކަން އެބައޮތް: މުއްޠަލިބް

އައިޝަތު ރުވާ ރިފްޢަތު | 135 ދުވަސް ކުރިން - 14 ޑިސެންބަރު 2024 15:02
ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް
ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް
ޚުލާސާ

ރައްޔިތުންނާ ގުޅުން ހުރި ހައުސިންގ މަޝްރޫއުގެ އެއްވެސް މަޢުލޫމާތެއް ގެއްލިފައިނުވާކަމަށާއި ސަރުކާރުން އަލަށް ހުޅުވާލި ލޯނު ސްކީމްގެ އެޕްލިކޭޝަންތައްވެސް ނުގެއްލޭކަމަށް ވަޒީރު މުއްޠަލިބް ވިދާޅުވި.

ސަރުކާރުގެ މުހިންމު މަޢުލޫމާތުތައް ރިކަވާ ކުރެވޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ޙާދިސާއާ ގުޅޭ ގޮތުން މަޢުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު މުއްޠަލިބް ވިދާޅުވީ ފުދޭވަރަކަށް ގިނަ ޑޭޓާތަކުގެ ބެކްއަޕް ހުރިކަމަށެވެ. އެގޮތުން ރައްޔިތުންނާ ގުޅުން ހުރި ހައުސިންގ މަޝްރޫޢުތަކުގެ އެއްވެސް މަޢުލޫމާތެއް ގެއްލިފައިނުވާކަމަށާއި ސަރުކާރުން އަލަށް ހުޅުވާލި ލޯނު ސްކީމްގެ އެޕްލިކޭޝަންތައްވެސް ނުގެއްލޭކަމަށް ވަޒީރު ވިދާޅުވިއެވެ.

"ދަޢުލަތުގެ ގިނަ މަޢުލޫމާތުތަކެއް ގެއްލިގެން ނޫޅޭ. މިހާރުވެސް ގެއްލިދާނެކަމަށް ބެލެވޭ މަޢުލޫމާތުތައް ރިކަވާ ކުރުމުގެ މަސައްކަތްތައް ކުރަމުން އެބަގެންދަން." ވަޒީރު ވިދާޅުވިއެވެ. އަދި މި ދަނޑިވަޅުގައި އެންމެ ބޮޑަށް އިސްކަން ދެނީ ޑޭޓާތައް ރިކަވާ ކުރުމުގެ މަސައްކަތުގެ އިތުރަށް ރައްޔިތުންނަށް ވީހާވެސް އަވަހަކަށް ޚިދުމަތްތައް ދިނުމަށްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

"މިހާރު ބަލަން މިޖެހެނީ ހިސްޓޮރިކަލް މަޢުލޫމާތުތައް އަދި ފާއިތުވި މުއްދަތުގައި ކުރި މަސައްކަތްތަކާ ގުޅުން ހުރި ޑޭޓާތަކުގެ ތެރެއިން އަޅުގަނޑުމެންނާ ގެއްލުންވީ ކިހާވަރެއްތޯ. އޭގެ ތެރޭގައި އަޅުގަނޑުމެންނަށް ސައިޓް ތެރޭގައި ހުރި ސާވާތަކުން ސްޓޯރޭޖް ނަގައިގެން ރިކަވާ ކުރެވޭ އެއްޗެހިތަކެއް ހުރިތޯ ނުވަތަ ނޫންތޯ." ވަޒީރު ވިދާޅުވިއެވެ.

ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި ތިން ވުޒާރާގެ މަސައްކަތްތައް ދަރުބާރުގެއަށް ބަދަލުކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އާދިއްތަ ދުވަހުން ފެށިގެން ދަރުބާރުގެއިން ވުޒާރާތަކުގެ ޚިދުމަތް ލިބެމުންދާނެކަމަށާއި، ދަރުބާރުގޭގައި ވުޒާރާތަކުގެ ސެޓްއަޕްތައް ހަދަމުންދަނީ މުވައްޒަފުންނަށް ފަސޭހައިން މަސައްކަތް ކުރެވޭނެގޮތަކަށްކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވަނީ ސަރުކާރުގެ މަސައްކަތްތައް ނުހުއްޓި ކުރިއަށްދާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.           

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%