ޓެކްސީ ޑްރައިވަރުން މިދިޔަ ބުދަ ދުވަހުގެ ރޭ ހުޅުމާލޭގައި ބޭއްވި އިހުތިޖާޖުގައި ޓެކްސީތަކުން މަގު ބަންދުކޮށް، އާންމު ދަތުރުފަތުރަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި އިތުރު ޑްރައިވަރަކު އިއްޔެ ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ކޯޓު އަމުރެއްގެ ދަށުން ރޭ ހައްޔަރުކުރީ މއ. ނަހީދީމަންޒިލް، މިސްބާހު ޝަރީފު ކަމަށެވެ.
ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރީ ޓެކްސީތަކުން މަގު ބްލޮކް ކޮށް، އާންމު ދަތުރުފަތުރަށް ހުރަސް އަޅައި، އެ އިހުތިޖާޖުގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުންޏެވެ.
ބުދަ ދުވަހުގެ ރޭ ބޭއްވި އިހުތިޖާޖާއި ގުޅިގެން މީގެ ކުރިން ވަނީ ތިން ޑްރައިވަރަކު ހައްޔަރުކޮށްފަ އެވެ. އެއީ، މއ. ވިރާހު، މުހައްމަދު ޝާމިން އާއި ލ. ދަނބިދޫ ސަންރޭ، އަހުމަދު ޝަބީން އަދި ހދ. ކުމުންދޫ ހޮލިޑޭވިލެޖް، ނުއުމާން އަހުމަދެވެ.
އެތަނުން ދެ ޑްރައިވަރަކު ފަސް ދުވަހަށް ބަންދުކޮށް އަދި ތިންވަނަ ޑްރައިވަރު ވަނީ ޝަރުތުކޮށް ގެއަށް ދޫކޮށްލައިފަ އެވެ.
އެ ރޭ ހުޅުމާލެއިން ހައިވޭއަށް އަރާ މަގު ބަންދުވާ ގޮތަށް ބޭއްވި 22 ޓެކްސީއެއް ވެސް ފުލުހުން ވަނީ ޓޯކޮށްފަ އެވެ.
ޓެކްސީ ޑްރައިވަރުން އިހުތިޖާޖުކުރީ ސަރުކާރުން ޓެކްސީ ލައިނެއް ތައާރަފުކުރަން އުޅޭތީ އެކަމާއި ދެކޮޅަށެވެ. ނަމަވެސް، ސަރުކާރުގެ ޓެކްސީ ލައިނާއި ގުޅޭ އެއްވެސް މަސައްކަތެއް އަދި ނުފަށާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި އެ ހިދުމަތް ސަރުކާރުން ފެށިޔަސް، ޓެކްސީ ޑްރައިވަރުންނަށް އެއްވެސް ގެއްލުމެއް ނުވާނެ ކަމުގެ ޔަގީންކަން މިނިސްޓްރީން ވަނީ ދީފަ އެވެ.