ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި އެމްއާރުއައިގެ ޚިދުމަތް ފަށައިފިއެވެ.
އެ ހޮސްޕިޓަލުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް އެވެ.
އެ ރަސްމިޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ގެންދަވަނީ އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅުތައް ފުއްދެވުމަށް 24 ގަޑިއިރު މަސައްކަތްޕުޅު ކުރައްވަމުން ކަމަށެވެ. އަދި އުނގޫފާރު ރައްޔިތުން އެދޭ ފަދައިން އުނގޫފާރު ރިޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކޮށްދެއްވާނެކަމުގެ ޔަޤީންކަން އެބަ އޮތް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި އެމްއާރުއައިގެ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ނާޒިމް ވާހަކަދައްކަވަނީ. / ފޮޓޯ: ހެލްތު މިނިސްޓްރީ
މިނިސްޓަރ ވިދާޅުވީ ރައީސް މުޢިއްޒު ވައުދުވެވަޑައިގެންނެވި ގޮތައް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ޓާރޝަރީ ފެންވަރަށް ބަދަލުކުރެއްވުމަށް ހެލްތް މިނިސްޓްރީން ކުރަން ޖެހޭ މަސައްކަތްތަކަކީ ކޮބައިތޯ ބައްލަވައި އެކަން ބާރު ސުޕީޑުގައި ކުރައްވާނެ ކަމަށެވެ. އަދި އުނގޫފާރު ހޮސްޕިޓަލުގައި އެމްއާރުއައިގެ ޚިދުމަތްދޭން ފެށުމަކީ ޓާޝަރީ ފެންވަރަށް ހޮސްޕިޓަލް ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތުގެ އެއްބައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި ދަތުރުފުޅުގައި މިނިސްޓަރ ވަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ސީނިއަރ މެނޭޖުމެންޓާއި ބައްދަލުކުރައްވާ، އެތަނުގެ ހުރި މައްސަލަތަކާއި ގުޅޭގޮތުން މަޝްވަރާ ވެސް ކުރައްވާފައެވެ.