އަލިފާނުގެ ޙާދިސާގައި ގެެއްލިގެން ދިޔައީ ގިނަ މުވައްޒަފުންގެ "ދެވަނަ ގެ": ހައިދަރު

އަައިޝަތު ޒީނާ | 91 ދުވަސް ކުރިން - 15:32
ހައުސިންގ މިނިސްޓަރ ޑރ. އަލީ ހައިދަރު އަހުމަދު.
ހައުސިންގ މިނިސްޓަރ ޑރ. އަލީ ހައިދަރު އަހުމަދު.
ޚުލާސާ

އަލިފާނުގެ ޙާދިސާގައި ގެއްލުނީ، މިނިސްޓްރީގެ ގިނަ މުވައްޒަފުންތަކެއް "ސެކަންޑް ހޯމް" އެއްގެ ގޮތުގައި ދެކޭ ޢިމާރާތެއް ކަމަށާއި، އެތަނަކީ ހަނދާންތަކުންނާއި އެތައް ބައެއްގެ މަސައްކަތުން ފުރިގެންވާ ތަނެއް ކަމަށް މިނިސްޓަރ ހައިދަރު ވިދާޅުވި.

ހައުސިންގ މިނިސްޓްރީގައި ހިނގި އަލިފާނުގެ ޙާދިސާގައި ގެއްލިގެން ދިޔައީ ގިނަ މުވައްޒަފުންތަކެއްގެ "ދެވަނަ ގެ" ކަމަށް ހައުސިންގ މިނިސްޓަރ ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ހައިދަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަލިފާނުގެ ޙާދިސާގައި ގެއްލުނީ، އެ މިނިސްޓްރީގެ ގިނަ މުވައްޒަފުންތަކެއް "ސެކަންޑް ހޯމް" އެއްގެ ގޮތުގައި ދެކޭ ޢިމާރާތެއް ކަމަށާއި، އެތަނަކީ ހަނދާންތަކުންނާއި އެތައް ބައެއްގެ މަސައްކަތުން ފުރިގެންވާ ތަނެއް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މި ގޮންޖެހުންބޮޑު ހީނަރުކަމާ އެކުވެސް، މިނިސްޓްރީގެ ޓީމުން ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަނީ މިނިސްޓްރީގެ މަސައްކަތްތައް އަލުން ފެށުމަށް ކަމަށެވެ. އެގޮތުން މިނިސްޓަރ ވަނީ ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް އެހީތެރިވެދެއްވާ ކަމާބެހޭ ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާފައެވެ. އަދި އެ ފަރާތްތަކުގެ މަސައްކަތަކީ އަގުނުކުރެވޭ ވަރުގެ މަސައްކަތެއް ކަމަށާއި، މި ގޮންޖެހުންތަކުން އަރައިގަނެ، ކުރިއަށް ދިއުމުގެ އަޒުމުގައި މިނިސްޓްރީން ދެމިތިބިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހައުސިންގ މިނިސްޓްރީގެ އިސް އޮފިޝަލެއް ކަމުގައިވާ ހުސައިން ޝާމް ވިދާޅުވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން، މިނިސްޓްރީގެ ޚިދުމަތްތައް އަލުން ފެށުމަށްޓަކައި އިއްޔެ ހަވީރުން ފެށިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އާދީއްތަ ދުވަހުން ފެށިގެން މިނިސްޓްރީގެ މަސައްކަތްތައް އަލުން ފެށޭނެކަމަށް އުއްމީދުކުރެވޭ ކަމަށް ޝާމް ވިދާޅުވިއެވެ.

މި މަސައްކަތުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންނަނީ ހައުސިންގ މިނިސްޓްރީއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%