އިއްޔެ ހެނދުނު މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއަކާއި ގުޅިގެން، މ. ގްރީން ބިލްޑިންގަށް ލިބުނު ބޮޑު ގެއްލުމުގެ ސަބަބުން، އެ އިމާރާތުގައި ހިންގަމުންދިޔަ ތިން މިނިސްޓްރީގެ މަސައްކަތްތައް ދަރުބާރުގެއަށް ބަދަލުކުރުމުގެ މަސައްކަތް ފެށިއްޖެއެވެ.
އިމާރާތަށް ލިބުނު ގެއްލުމާއި ގުޅިގެން ހައުސިން މިނިސްޓްރީ، ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރަންމަންޓް މިނިސްޓްރީން ފޯރުކޮށްދެމުން އައި ޚިދުމަތްތައް ވަގުތީގޮތުން މެދުކެނޑިފައިވެއެވެ.
ހައުސިން މިނިސްޓްރީގެ އިސް އޮފިޝަލެއް ކަމުގައިވާ ހުސައިން ޝާމް ވިދާޅުވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން، މިނިސްޓްރީގެ ޚިދުމަތްތައް އަލުން ފެށުމަށްޓަކައި އިއްޔެ ހަވީރުން ފެށިގެން މަސައްކަތްތަކެއް ކުރެވެމުންދެއެވެ.
"ދަރުބާރުގޭގައި ޚިދުމަތް އަލުން ފެށުމަށް ކުރަމުންދާ ތައްޔާރީތައް މިރޭ 10:00 އަށް ނިމޭނެ. އާދީއްތަ ދުވަހުން ފެށިގެން މިނިސްޓްރީގެ މަސައްކަތްތައް އަލުން ފެށޭނެކަމަށް އުއްމީދުކުރަން،" ރޭ، ޝާމް ވިދާޅުވިއެވެ.
މި މަސައްކަތުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިނިސްޓްރީއަށް އެހީތެރިކަން ފޯރުކޮށްދެމުންދެއެވެ.
މިނިސްޓްރީތަކުގެ މަސައްކަތް ދަރުބާރުގެއަށް ބަދަލުކުރުމާ ގުޅިގެން، އެތަނުގައި ބޭއްވުމަށް ހަމަޖެހިފައިވާ މަސްވެރިންގެ ދުވަހުގެ ޖަލްސާ އަދި ރެހެންދި އެވޯޑު ދިނުމުގެ ރަސްމިއްޔާތު ވަނީ ފަސްކުރެވިފައެވެ.
އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށް ބުނެވެއެވެ. އަދި ހާދިސާ ހިނގި ސަރަހައްދުގައި ހުރި ތިން އިމާރާތަކުން 29 މީހުން ވަގުތީ ހިޔާވަހިކަމަށް ބަދަލުކުރެވިފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މަޢުލޫމާތު ދީފައިވާއިރު އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސާވިސަސްއިން މިވަގުތުވެސް ދަނީ ބަލަހައްޓަމުންނެވެ.