އިންސާނުންގެ ވިސްނުމާއި ފިކުރަށް ބަދަލު އައިސްގެން ނޫނީ އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގައި ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލް ނުކުރެވޭނެ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް އިއްޔެ ވިދާޅުވެއްޖެ އެވެ.
އިންސާނީ ހައްގުތަކުގެ ދުވަސް ފާހަގަކުރުމަށް އެޗްއާރުސީއެމުން ބޭއްވި ރަސްމީ ޖަލްސާގައި ނާޒިމް ވިދާޅުވީ އިންސާނީ ހައްގުތައް ހިމާޔަތްކުރުމަކީ، ހަމައެކަނި ގާނޫނު ތަންފީޒުކޮށްގެން ކުރެވޭނެ ކަމެއް ކަމަށް ދެކުނު ދެކުން މިހާރު މާޒީވެގެން ހިނގައްޖެ ކަމަށެވެ. އިންސާނީ ހައްގުތަކަށް އިހުތިރާމުކުރުމަށް ބޭނުންވާ އެންމެ މުހިންމު އެކައްޗަކީ އިންސާނުންގެ ވިސްނުމާ ދިރިއުޅުމަށް ގެންނަ ބަދަލުތައް ކަމަށް އޭނާ ވިދާޅުވި އެވެ.
"މީހުންގެ ވިސްނުމާ ފިކުރަށް ބަދަލު އައިސްގެން މެނުވީ އަޅުގަނޑުމެނަށް މިފަދަ ކަންކަމުގައި ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލެއް ނުކުރެވޭނެ. ވަކިވަކި ރައިޓްސްއަށް އިހުތިރާމްކުރާ ފަދައިން މުޅި ދައުލަތް، ދައުލަތުގެ ގޮތުގައި އެ އޮތް ރައިޓްސްތަކަށް ވެސް އިހުތިރާމްކޮށްގެން މެނުވީ މި ނިޒާމް އަޅުގަނޑުމެނަކަށް ނުދެމެހެއްޓޭނެ." އޭނާ ވިދާޅުވި އެވެ.
އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމަށް މަސައްކަތްކުރާ ފަރާތްތަކުން މީހުންގެ ވިސްނުން ބަދަލުކުރުމަށް މަސައްކަތްކުރަން ވެސް ނާޒިމް އިލްތިމާސްކުރެއްވި އެވެ.
އެ ޖަލްސާގައި ނާޒިމް ވަނީ ކުރީގެ ރައީސް މުހައްމަދު އަމީން އަވަހާރަކޮށްލި ގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒުއާ މެދުގައި އަމަލުކުރުމަށް ސިޔާސީ ޕާޓީއަކުން ފާޅުގައި ގޮވާލާފައި ވާތީ އެކަން ވަރަށް ބޮޑަށް ކުށްވެރިކުރައްވައިފަ އެވެ.
ނާޒިމް ވިދާޅުވީ ސިޔާސީ ޕާޓީގެ މަސައްކަތްތައް ހަމަ މަގުން ނުގެންދެވޭ ކަމަށްވާ ނަމަ، އިންސާނީ ހައްގުތައް ކަށަވަރުކުރުމަށް ކުރާ މަސައްކަތް ވާނީ ފޫނެތްފަޔަށް ފެންފުރުން ކަހަލަ ކަމަކަށް ކަމަށެވެ.
ނާޒިމް ވިދާޅުވި ގޮތުގައި، ރާއްޖެއިން އެކި ދަތިތަކާ އެކުގައި ވެސް އިންސާނީ ހައްގުތައް ކަށަވަރުކުރުމަށް ގިނަ ކަންތައްތަކެއް ހާސިލްކޮށްފައިވެ އެވެ. ހާއްސަކޮށް ބޭސްފަރުވާކުރުމުގެ ހައްގާއި ތައުލީމު ލިބިގަތުމުގެ ހައްގުތައް ކަށަވަރުކޮށްދިނުމުގައި ގިނަ ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.