މިރޭ އެމްޑީޕީން ކުރިއަށް ގެންދާ ޖަލްސާއަށް މީހުން މަދުވެފައިވާ ސަބަބާއި ގުޅޭގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް (އިބޫ) އެކި ބަހަނާތައް ދައްކަވައިފިއެވެ. ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް އިބޫ ވިދާޅުވީ މީހުން މަދުވެފައިވަނީ މިރޭ ބޭއްވޭ މިއުޒިކް ޝޯތަކާއި މަސްދަތުރެއް އޮތުމުގެ ސަބަބުން ކަމަށެވެ.
ރައީސް އިބޫ ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ގެކޮޅު ކައިރީގައިވާ ރަސްފަންނުގައި އަދި ހުޅުމާލޭގައި މިރޭ ލައިވް މިއުޒިކް ޝޯތަކެއް ކުރިއަށްދާ ކަމަށެވެ. މީގެ އިތުރުން، ސަރުކާރުގެ ކުންފުނިތަކުގެ ހުރިހާ މުވައްޒަފުން ހަވީރު މަހަށް ގޮސްފައިވާ ކަމަށާއި، އެނބުރި އަންނަނީ މިރޭގެ ޖަލްސާ ނިމުމުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ނަމަވެސް، އެމްޑީޕީން މިރޭ ބޭއްވި ޖަލްސާއަށް މުޅި ރާއްޖެއިން މީހުން ގެނެސްގެން ވެސް ކާނިވާ ސަރަހައްދު ފުރާނުލެވި، އެ ޕާޓީއަށް ވަނީ ބޮޑު ލަދުވެތިކަމަކާ ކުރިމަތިވެފައެވެ. ޖަލްސާ ފެށުނުއިރު އެތަނުގައި ތިބީ އަންދާޒާކުރެވޭ ގޮތުގައި 750 ވަރަކަށް މީހުންނެވެ.
އެމްޑީޕީން މި ޖަލްސާ ޕްރޮމޯޓް ކުރުމަށް މާލެ، ހުޅުމާލެ އަދި ރާއްޖޭގެ ގިނަ ރަށްތަކެއްގައި ޖަލްސާތަކާއި ސައިކަލު ބުރުތައް ބާއްވައި، ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އަދި ޖަލްސާއަށް އަންނަ މީހުންނަށް ދަތުރު ޚަރަދާއި މާލޭގައި ތިބުމުގެ ޚަރަދުވެސް ހަމަޖައްސައިދިން ކަމަށް ބައެއް ފަރާތްތަކުން މަޢުލޫމާތު ދީފައިވެއެވެ.