މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން މިރޭ ހަމަނުޖެހުން ހިންގައި ޤައުމުގެ މަސްލަޙަތު ނަގަން މަސައްކަތް ކުރާތީވެ އެކަމުގައި އެޕާޓީގެ އެންމެ އިސް އެއް ލީޑަރު އާދަމް އާޒިމް (މާލޭގެ މޭޔަރު) ދެކޮޅު ހައްދަވައި އިނގިރޭސީވިލާތަށް ވަޑައިގެންފި ކަމަށް ޚުލާސާ އަށް އެނގިއްޖެއެވެ.
ސިފައިންނާއި ފުލުހުންނަށް ޙަމަލާދީ ހަތިޔާރު ނަގައި ލޭއޮހޮރުވުމަކަށް ގޮސްގެން ވެސް ޤާނޫނީ ސަރުކާރު ވައްޓާލަން އިދިކޮޅު ބައެއް ފަރާތްތަކުން ތައްޔާރަށް ތިބިއިރު، އެފަދަ ޣައިރު ޤާނޫނީ ޢަމަލެއް ހިންގުމަށް އެމްޑީޕީގެ 4 ފެކްޝަންގެ ޚިޔާލު ތަފާތު ކަމަށް ވެސް ޚުލާސާއަށް ވަނީ އެމްޑީޕީގެ ވަރަށް އެތެރެއިން މަޢުލޫމާތު ލިބިފައެވެ.
މޭޔަރު އާޒިމް މިރޭގެ އެމްޑީޕީގެ ޙަރަކާތް ބޮއިކޮޓް ކުރެއްވިއިރު އެޕާޓީގެ ރައީސއ އަދި ކުރީގެ ފޮރިން މިނސްޓަރުކަން ވެސް ކުރެއްވި ޢަބްދުﷲ ޝާހިދު ވެސް ވަނީ އެމްޑީޕީން ހަމަނުޖެހުން ހިންގަން ނިންމާފައިވާ މި ދަނޑިވަޅުގައި މިރޭގެ ޙަރަކާތް ބޮއިކޮޓް ކުރައްވައި ރާއްޖެއިން ބޭރަށް ވަޑައިގެންފައިކަން ފާހަގަ ކުރެވެއެވެ.