މާފުށިން ރޭ އޭދަފުށި ބަލިކުރިއިރު ފުވައްމުލަކާއި ތިމަރަފުށި މެޗު އެއްވަރު

އުސްތާޛް މުޙައްމަދު ޢަލީ | 95 ދުވަސް ކުރިން - 08:21
މާފުށި ކުޅުންތެރިން އުފާ ފާޅުކުރަނީ.
މާފުށި ކުޅުންތެރިން އުފާ ފާޅުކުރަނީ.
ޚުލާސާ

ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ދެވަނަ ބުރުގައި މާފުށި 2-0 ލަނޑުން ރޭ އޭދަފުށި ބަލިކުރިއިރު، އިއްޔެ ހަވީރު ފުވައްމުލަކާއި ތިމަރަފުށި އެއްވަރުވީ 1-1 ގެ ނަތީޖާއިން.

ނައިންޓީ ޕްލަސް ގޯލްޑް ކަޕް 2024 ގެ ދެވަނަ ބުރުގެ މެޗުތައް ފަށައިފިއެވެ. މި މުބާރާތުގެ ގްރޫޕް އެފްގެ މެޗުގައި ރޭ ކުޅުނީ އޭފަދުށީގެ ޓީމާއި ކ. މާފުށި ޓީމެވެ. މި މެޗުން ކ. މާފުށި ވަނީ ބ. އޭދަފުށި އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. މި މެޗު ކުޅުނީ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.

މާފުށިން ފުރަތަމަ ލަނޑު ޖަހާފައިވަނީ މެޗުގެ 33 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހީމް އަތީގު ހަސަންއެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި އިސްމާޢީލް މަފާޒް އިބްރާހީމް ވަނީ މާފުށީގެ ލީޑު ފުޅާކޮށްފައެވެ.

މި މެޗުގައި އޭދަފުށިން މާ ރަނގަޅު ކުޅުމެއް ދައްކާފައެއް ނުވެއެވެ. އަދި މެޗު ނިމެން ކައިރިވިއިރު، އެ ޓީމުގެ ގޯލްކީޕަރު އަލީ އަޖުފާން އަމްޖަދަށް ރެފުރީ ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ. އޭނާއަށް ރަތް ކާޑު ދެއްކީ މާފުށީގެ އަޙްމަދު އަބްދުލް ސައްތާރަށް އޭރިއާ ބޭރުން ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެންނެވެ.

ފުވައްމުލަކާއި ތިމަރަފުށި ބައްދަލުކުރި މެޗުގެ ތެރެއިން

މީގެ އިތުރުން މި މުބާރާތުގެ ގްރޫޕް އީގައި އިއްޔެ ހަވީރު ފުވައްމުލަކާއި ތިމަރަފުށި ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ. މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ތިމަރަފުށިންނެވެ. މެޗު ފަށައިގެން 10 ވަނަ މިނެޓުގައި އަލީ އިލްމާން އަޙްމަދު މޫސާ ވަނީ ކޯނަރަކުން ލަނޑު ޖަހާފައެވެ. އެކަމަކު މެޗުގެ 25 ވަނަ މިނެޓުގައި ފުވައްމުލަކުގެ ގާނާގެ ފޯވާޑް ކޯފީ އޮވޫސޫ ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ.

މި މުބާރާތުގެ ދެވަނަ ބުރުގައި 12 ޓީމެއް ހިމެނޭއިރު، މި ޓީމުތައް ވަނީ ހަތަރު ގްރޫޕަކަށް ބަހާލާފައެވެ. ކޮންމެ ގްރޫޕެއްގައި ތިން ޓީމު ހިމެނޭއިރު، އެ ގްރޫޕުތަކުން އެންމެ ކުރީގައި ނިންމާ ދެ ޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގަތައް ލިބިގެންދާނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%