ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިންތިޒާމްކޮށްގެން ބޭއްވި "ފިޔަވަތި ފަން ޑޭ" ހަރަކާތް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
އެޗްޑީސީގެ ސީއެސްއާރުގެ ދަށުން، ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް ހާއްސަކޮށްގެން ބޭއްވި މި ހަރަކާތް ކުރިއަށް ގެންދިޔައީ ހުޅުމާލޭގެ ފަރުކޮޅުފުށީގައެވެ. މުޅި ދުވަހަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ހަރަކާތުގައި މުނިފޫހިފިލުވުމުގެ ތަފާތު އެކި ހަރަކާތްތަކާއި، ހަދިޔާ ދިނުމުގެ ކަންކަން ހިމެނުނެވެ.
ހެނދުނު 8:30 ގައި ފެށުނު މި ހަރަކާތުގައި ޕިކްނިކާއި ބީޗް ގޭމްސްތަކުގެ އިތުރުން މެންދުރުފަހު ރޮބޯ މޭންގެ އެންޓަރޓެއިންމަންޓާއި ޕޫލްއި ޕޫލް ޕާޓީއެއް ބޭއްވުނެވެ. އަދި ހަވީރުގެ ސަޔާއެކު "ފަން ޑޭ" ނިންމާލުމުގެ ގޮތުން ބޮޑު ޕާޓީއެއް ބޭއްވުނެވެ.
މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުހައްމަދުގެ އިތުރުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މެޑަމް ސާޖިދާ ވަނީ ފިޔަވަތީގެ ކުދިންނަށް ހަދިޔާ ދެއްވައި، އެކުދިންނާއެކު ކޭކު ފެޅުމުގެ ހަރަކާތުގައިވެސް ބައިވެރިވެވަޑައިގެންފައެވެ.
މި އަހަރުގެ "ފިޔަވަތި ފަން ޑޭ" ގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، އެޗްޑީސީގެ މުވައްޒަފުންގެ ފަރާތުން ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް ދެ ގޭމިންގ ރޫމް ހަދިޔާކުރުމެވެ. މިކަމަށްޓަކައި އެޗްޑީސީގެ މުވައްޒަފުން ވަނީ 240،000 ރުފިޔާ ހަދިޔާކޮށްފައެވެ.
"ފިޔަވަތި ފަންޑޭ" ގެ ނަމުގައި އެޗްޑީސީގެ ސީއެސްއާރުގެ ދަށުން ވަނީ ފާއިތުވި ދެއިތުވި ދެ އަހަރުވެސް ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް ހާއްސަކޮށްގެން މިފަދަ ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ. އެޗްޑީސީގެ އަމާޒަކީ ކުރިއަށް އޮތްތަނުގައިވެސް ފިޔަވަތި ފަދަ ތަންތަނަށް އެހީތެރިކަން ފޯރުކޮށްދީ، މިފަދަ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުންކަމަށް އެކުންފުނިން ބުނެއެވެ.