ކެފޭ، ރެސްޓޯރެންޓުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ފިޔަވަޅު އަޅަން ފަށައިފި

އައިޝަތު ރުވާ ރިފްޢަތު | 98 ދުވަސް ކުރިން - 20:50
ދުންފަތުގެ އިސްތިއުމާލުކުރުން ހުއްދަ ނޯންނަ ސަރަހައްދެއް
ދުންފަތުގެ އިސްތިއުމާލުކުރުން ހުއްދަ ނޯންނަ ސަރަހައްދެއް
ޚުލާސާ

ކެފޭ، ރެސްޓޯރެންޓުތަކުގައި ހުއްދަ ނޯންނަ ސަރަހައްދުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުން ނުހުއްޓުވާނަމަ އެތަނެއްގެ ވިޔަފާރިކުރުމުގެ ހުއްދަ ބާތިލުކުރެވޭނެ ކަމަށް ސިއްޙަތާއިބެހޭ ވުޒާރާއިން ހާމަކުރި.

ކެފޭ، ރެސްޓޯރެންޓުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުމުގެ ހުއްދަ ނޯންނަ ސަރަހައްދުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުން ނުހުއްޓުވާނަމަ އެތަނެއްގެ ވިޔަފާރިކުރުމުގެ ހުއްދަ ބާތިލުކުރެވޭނެ ކަމަށް ސިއްޙަތާއިބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ސިއްޙަތާ ބެހޭ ވުޒާރާއިން މިކަން ހާމަކުރެއްވީ ދުންފަތް ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ބޭއްވި ބައްދަލުވުމެއްގައެވެ.

ސިއްޙަތާއިބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް ވިދާޅުވީ ގާނޫނުތައް ތަންފީޒު ކުރުމުގައި ގޮންޖެހުންތަކެއް ހުރި ކަމަށެވެ. މިއީ ހުރިހާ މުއައްސަސާއެއް ގުޅިގެން ހައްލުކުރަންޖެހޭ ކަމެއް ކަމަށާއި މިހާރު ކުރެވެމުންދާ މަސައްކަތްތަކުން އެކަންކަމަށް ހައްލު ލިބޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިފަދަ ކޮންމެ ކަމެއް އެންމެ ސެކްޓާއެއް ގުޅިގެން އަޅުގަނޑުމެންނަށް ހާސިލު ނުވާނެކަން އެއީ އެނގޭ ކަމެއް. ކަށަވަރުވާ ކަމެއް. މީގައި ތަންފީޒީ އިދާރާތަކާއި އާންމު މުޖުތަމައުގެ އެއްބާރުލެއްވުމާއި ކޮންމެ ފަރުދަކީމެ މިފަދަ ކަމެއްގައި އެހީތެރިކަން ހުރި ފަރުދެއްކަމުގެ ވިސްނުން މުޅި މުޖުތަމަޢަށް އަޅުގަނޑުމެން ގެންނަން އެބަޖެހޭ." ވަޒީރު ވިދާޅުވިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑެޕިއުޓީ ޑިރެކްޓަރު ހަސަން މުހައްމަދު ވިދާޅުވީ، ކެފޭ، ރެސްޓޯރެންޓުތަކުގައި ހުއްދަ ނެތް ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރާނަމަ އެކަމުގައި ތަނުގެ ވެރިފަރާތުގެ ޒިންމާއެއްވާ ކަމަށާއި އެ ބަދަލު ޤާނޫނަށް މިހާރު ގެނެސްފައިވާ ކަމަށެވެ. އަދި އެ ޒިންމާ އަދާ ނުކުރާ ވިޔަފާރިތަކަށް ފިޔަވަޅު އެޅުމުގެ ގޮތުން ހުއްދަ ބާތިލުކުރެވޭނެ ކަމަށްވެސް ހަސަން ވިދާޅުވިއެވެ.

ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެނެސްފައިވާ އިސްލާހުތަކުގެ ދަށުން މިހާރު ރާއްޖެއަށް ވޭޕުގެ ބާވަތްތައް އެތެރެކުރުން ވަނީ މަނާކޮށްފައެވެ. އަދި މި މަހުގެ 15ވަނަ ދުވަހުން ފެށިގެން އެފަދަ ތަކެތި ބޭނުންކުރުންވެސް މަނާވާނެއެވެ. މީގެ އިތުރުން، ދުންފަތް އެކުލެވޭތަކެތި ގަނެ، ވިއްކޭނެ އުމުރު 21 އަހަރަށް ވަނީ ބަދަލުކޮށްފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%