ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށް ފަސް އަހަރުގެ މާސްޓަރ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ފަށައިފި

އައިޝަތު ރުވާ ރިފްޢަތު | 99 ދުވަސް ކުރިން - 14:00
ސިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް.
ސިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް.
ޚުލާސާ

މި މާސްޓަރ ޕްލޭނުގައި، ދުންފަތާ ދުރު މުޖުތަމަޢެއް ބިނާކުރުމަށް އިޖުތިމާޢީ ހަރަކާތްތެރިން ބައިވެރިކުރުވައި، ދުންފަތުގެ އިސްތިޢުމާލުނުކުރާ ރަށްރަށަށް އިނާމު ދިނުމާއެކު، އެފަދަ ރަށްރަށުގެ އިޖުތިމާޢީ ކަންކަމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނޭ.

ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށް ފަސް އަހަރުގެ މާސްޓަރ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

މި ޕްލޭން އެކުލަވާލުމަށް ނިންމެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަށް ސިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވިއެވެ.

މިއަދު ސިއްޙީ ވުޒާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މި ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދަނީ ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއާ ގުޅިގެން ކަމަށެވެ. އަދި މިކަމުގައި ކަމާބެހޭ އިދާރާތަކުގެ އިތުރުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ މަސައްކަތްތައްވެސް ކުރަމުން އަންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި ކައުންސިލްތަކުން އިސްނަގައިގެން ރަށު ފެންވަރުގައާއި އަތޮޅު ފެންވަރުގައި ހިންގާ ދުންފަތް ކޮންޓްރޯލްކުރުމުގެ މަސައްކަތަށް ސަރުކާރުން ނިޒާމުގެ ތެރެއިން އެހީވަމުން ގެންދާނެ. އެންމެ ރަނގަޅު މަސައްކަތެއް ކުރާ ކައުންސިލްތަކަށް އެ އިދާރާއިން ހިންގާ ތަރައްޤީގެ މަޝްރޫޢުތަކަށް، ސަރުކާރުން ޚާއްޞަ އެހީތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމު މި ޕްލޭން އެކުލެވިގެންދާއިރު ފަހިކޮށްދޭނެ." ވަޒީރު ވިދާޅުވިއެވެ.

ރައީސްގެ ނިންމެވުމާ އެއްގޮތަށް، މި މާސްޓަރ ޕްލޭންގައި ދުންފަތާ ދުރު މުޖުތަމަޢުއެއް ބިނާކުރުމަށްޓަކައި އިޖުތިމާޢީ ގޮތުން ހަރަކާތްތެރިވާ ފަރާތްތަކާއި، ދުންފަތުގެ އިސްތިޢުމާލުނުކުރާ ރަށްރަށް ފާހަގަކުރުމަށް އިނާމެއް ތަޢާރުފުކުރުމާއި، އެ އިނާމު ލިބޭ ރަށެއްގެ އިޖްތިމާޢީ ކަންކަމަށް މާލީ އެހީތެރިކަން ދިނުން ފަދަ ކަންކަން ހިމެނޭނެއެވެ. މީގެ އިތުރުން، ދުންފަތާ ދުރުހެލިވާން ބޭނުންވާ ފަރާތްތަކަށް ޚާއްޞަ ފަރުވާ، ކޮންމެ ރަށެއްގެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒަކުން ހިލޭ ފޯރުކޮށްދިނުންވެސް މި ޕްލޭންގައި ހިމެނޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

?t=vfnk0nAUGXo4UUxUtIs8jA&s=19

މި ޕްލޭން އެކުލަވާލުމުގެ މަސައްކަތް ފެށިފައިވާއިރު، 'ދަފަރާ' ގެ ނަމުގައި ދުންފަތާ ދެކޮޅު ކެމްޕެއިނެއްވެސް ސަރުކާރުން ދަނީ ކުރިއަށްގެންދަމުންނެވެ. މި ކެމްޕެއިން މިހާތަނަށް ނ، ތ، ލ، އަދި ސ އަތޮޅުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

ސަރުކާރުން އަންނަނީ ދުންފަތް ކޮންޓްރޯލްކުރުމަށް މުހިންމު އަދި ހަރުދަނާ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. މި ފަސް އަހަރުގެ މާސްޓަރ ޕްލޭނަކީ ދުންފަތުގެ ބޭނުންކުރުން މަދުކޮށް، ރާއްޖޭގެ ރައްޔިތުންގެ ޞިއްޙަތު ރައްކާތެރިކުރުމަށް އެޅޭ އިތުރު މުހިންމު ފިޔަވަޅެކެވެ.

ވަޒީރު ނާޒިމް ވިދާޅުވިގޮތުގައި މި ޕްލޭން އެކުލަވާލުމުގެ މަސައްކަތް ނިމި، ތަންފީޒުކުރަން ފެށުމުން، ރާއްޖޭގައި ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންގެ ޢަދަދު މިހާރަށްވުރެ ބޮޑުތަނުން ދަށްވެގެންދާނެއެވެ. އަދި ދުންފަތުގެ ސަބަބުން ދިމާވާ ޞިއްޙީ މައްސަލަތައް މަދުވެ، ރައްޔިތުންގެ ދުޅަހެޔޮކަން އިތުރުވެގެންދާނެ ކަމަށް އުންމީދުކުރެވޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާއިރު، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ކުރިއަށް އޮތް ދުވަސްތަކުގައި އާންމުކޮށް ހުޅުވާލެވިގެން ބައްދަލުވުންތަކެއް ބޭއްވުމަށް ވެސް ވަނީ ރޭވިފައެވެ. މި ބައްދަލުވުންތަކުގެ ތާރީޚުތައް އަންނަ ހަފުތާގެ ތެރޭގައި އިޢުލާނުކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%