ދުންފަތުން ދުރުވުމަށް ބޭނުންވާ ތަކެތި އާސަންދައިން ލިބޭނެ: ނާޒިމް

އައިޝަތު ރުވާ ރިފްޢަތު | 99 ދުވަސް ކުރިން - 13:06
ވަޒީރު ނާޒިމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: ސިއްޙީ ވުޒާރާ
ވަޒީރު ނާޒިމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: ސިއްޙީ ވުޒާރާ
ޚުލާސާ

ދުންފަތާއި ދުރުވާން ބޭނުންވާ މީހުންނަށް ބޭނުންވާ ނިކޮޓިން ޕެޗް، ގަމް އަދި އެހެނިހެން ފަރުވާތައްވެސް އާސަންދައިން ލިބޭނެ ގޮތް ސަރުކާރުން މިހާރު ހަމަޖައްސާފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވި.

ދުންފަތުގެ އިސްތިއުމާލު ކުރުމަށް އާދަވެފައިވާ މީހުން އެކަމާއި ދުރުވާން ބާރުއެޅުމުގެ ގޮތުން ނިކޮޓިން ޕެޗާއި ގަމް ފަދަ ތަކެތި އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ސިއްޙަތާއިބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

ސިއްޙަތާއި ބެހޭ ވުޒާރާއިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ދުންފަތާއި ދުރުވާން ބޭނުންވާ މީހުންނަށް ބޭނުންވާ ނިކޮޓިން ޕެޗް، ގަމް އަދި އެހެނިހެން ފަރުވާތައް ވެސް އާސަންދައިން ލިބޭނެ ގޮތް ސަރުކާރުން މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

މީގެ އިތުރުން، ސެޒޭޝަންގެ ޚިދުމަތް ފަސޭހައިން ލިބޭނެ ގޮތް ހެދުމަށްޓަކައި ކުއިކް ލައިނެއް ގާއިމުކޮށްފައިވާ ކަމަށާއި، މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން މި ޚިދުމަތް ލިބެން ފަށާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. ކުއިކް ލައިންގެ ނަންބަރަކީ 1676 ކަމަށާއި، މި ނަންބަރުގެ ޚިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

އެގޮތުން، ވަޒީރުންގެ މަޖިލީހުގެ ލަފައާއި އެއްގޮތްވާ ގޮތުގެ މަތިން ސެޒޭޝަންގެ ޚިދުމަތް ރާއްޖޭގެ ހުރިހާ ސަރަހައްދަކުންވެސް ލިބޭނެ ގޮތް ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ މިދިޔަ އޮކްޓޫބަރު 17 ވަނަ ދުވަހު ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މި ޚިދުމަތް މުޅި ރާއްޖޭގައި ފެށުމަށްޓަކައި ބަޖެޓް ހަމަޖައްސާފައިވާ ކަމަށާއި، އެކަމަށް ބޭނުންވާ މީހުން ތަމްރީން ކުރުމުގެ މަސައްކަތް ދެތިން މަހުގެ ތެރޭގައި ނިންމާލުމަކީ އަމާޒެއްކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

މިހާރު ރާއްޖޭގައި ސެޒޭޝަންގެ ޚިދުމަތް މާލޭގައި ދެނީ 3 ހޮސްޕިޓަލަކުންނާއި ދަމަނަވެށިން ކަމަށާއި، އަތޮޅުތެރޭގެ 48 ތަނަކުން މި ޚިދުމަތް ލިބޭގޮތް ވަނީ ހަމަޖައްސާފައި ކަމަށް ވަޒީރު ވިދާޅުވިއެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރުމަށް ސަރުކާރުން އެޅުއްވި އިތުރު ފިޔަވަޅުތަކުގެ ތެރޭގައި ވޭޕް އެތެރެކުރުން، ވިއްކުން އަދި ބޭނުންކުރުން މަނާކުރުމާއި، ދުންފަތުގެ ބާވަތްތަކުގެ ޑިއުޓީ ބޮޑުކުރުން ހިމެނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%