މާލެ ސަރަހައްދުގައި އިތުރު 13،000 ހައުސިން ޔުނިޓް އަޅަން ނިންމާފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފި އެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުގައި އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވީ މާލެ ސަރަހައްދުގައި ބޯހިޔާވަހިކަމުގެ އިތުރު މަޝްރޫއުތަކެއް ހިންގުމަށް އެ ކުންފުނިން ތައްޔާރުވަމުން އަންނަ ކަމަށެވެ.
އެ މަސައްކަތުގެ ދަށުން މާލެ ސަރަހައްދުގައި އިތުރު 13،000 ހައުސިން ޔުނިޓް އެޅުމަށްޓަކައި، މި އަހަރުގެ ކުރީކޮޅު ސްރީލަންކާގެ ކުންފުންޏަކާ އެކު 3،000 ހައުސިން ޔުނިޓް ތަރައްގީކުރުމުގެ ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ހަމްދާން ވިދާޅުވި އެވެ.
މިހާރު ކުރިއަށް ގެންދަނީ އެ މަޝްރޫއުއަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހަމްދާން ވިދާޅުވި ގޮތުގައި، ބޭރުގެ އިތުރު ދެ ކުންފުންޏަކާ އެކު 10،000 ހައުސިން ޔުނިޓް ތަރައްގީ ކުރުމުގެ ފްރޭމްވޯކް އެއްބަސްވުމެއްގައި ވެސް މިހާރު ވަނީ ސޮއިކޮށްފަ އެވެ. އެ މަޝްރޫއުތައް ކުރިއަށް ގެންދާނީ ބޭރުގެ އެކި ފައިނޭންސް އެޖެންސީތަކުން ލޯނު ނަގައިގެންނެވެ.
އެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގެ ހުއްދަ ހޯދުމަށް ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި ސަރުކާރުގައި އެދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި އެ މަޝްރޫއު ރަސްމީކޮށް އިފްތިތާހުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ކުންފުނިން މިހާރު ވެސް އަންނަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި 4،000 ފްލެޓް އެޅުމުގެ މަޝްރޫއެއް ހިންގަމުންނެވެ.