އައްޑޫ ސިޓީގެ ލިންކު ރޯޑު ހެދުމުގެ އަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އައްޑޫ ލިންކު ރޯޑުގެ މަޝްރޫއަކީ މުޅި ރާއްޖޭގައިވެސް އެންމެ ސަމާލުކަން ދޭންޖެހޭ މަޝްރޫއުތަކުގެ ތެރެއިން އެއް މަޝްރޫއު ކަމަށެވެ.
"އަޅުގަނޑުމެން މަސައްކަތްތަކެއް ކޮށް، ސާވޭތަކެއް ކޮށް، އަގުތައް ވެސް ހޯދާފައި މިވަނީ. އެކި އޮޕްޝަންތަކަށް ވެސް. މި އަހަރު ތެރޭގައި އިރާދަކުރެއްވިއްޔާ ސޮއި ކޮށްގެން އަމަލީ މަސައްކަތް ފަށަން މަސައްކަތް މި ކުރަނީ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މި މަޝްރޫއުގެ ތެރޭގައި ހިތަދޫގެ ސަރަހައްދެއް ހިއްކުމާއި ލިންކު ރޯޑު އެކްސްޓެންޑް ކުރުން ވެސް ހިމެނޭ ކަމަށެވެ. އަދި މި މަޝްރޫއަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅިފައިވާ މަޝްރޫއެއްކަން ވެސް ފާހަގަކުރެއްވިއެވެ.
އައްޑޫ ސިޓީގެ މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތް ފެށީ 26 މެއި 2021 ގައި ކަމަށާއި، ނަމަވެސް މިހާރުގެ ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު ވެސް އެ މަސައްކަތް ނިމިފައި ނުވާކަން ފާހަގަ ކުރެވެއެވެ.
މި އަހަރުގެ ބަޖެޓުގައި ލިންކު ރޯޑު ހެދުމުގެ މަސައްކަތް ވަކި މަޝްރޫއެއްގެ ގޮތުގައި ހިމަނާފައި ނުވި ނަމަވެސް، ބަޔަކާއި ހަވާލުކޮށްގެން އެ މަގުގެ މަސައްކަތް ފެށުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވަނީ ކުރިން ވެސް ބުނެފައެވެ.