ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލުގެ 85 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ކުންފުނިތަކާއި ބެހޭ ކޮމިޓީގެ ސަބް ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ އެއާޕޯޓުގެ އާ ޓާމިނަލްގެ "ބައެއް ނަމަވެސް" މި އަހަރު ހުޅުވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ.
ރައީސްގެ އިރުޝާދާއި އެއްގޮތަށް އެ މަސައްކަތް މި އަހަރު ޓެކްނިކަލީ ކުރެވިދާނެ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވި ގޮތުގައި، އެ ޓާމިނަލްގެ މަސައްކަތް އަންނަ އަހަރުގެ ޖޫން ނުވަތަ ޖުލައި މަހަށް ނިމެނޭ އެވެ.
އޭނާ ވިދާޅުވި ގޮތުގައި، މި އަހަރުގެ ޕީކް ސީޒަންގައި އާ ޓާމިނަލްގެ ބައެއް ވިޔަސް ނުހުޅުވަން ނިންމީ އެކަން ފަސްކޮށްދިނުމަށް ރާއްޖެއަށް އަންނަ ހުރިހާ އެއާލައިންތަކުގެ ރިޕްރެޒެންޓް ކުރާ އެއާލައިން އޮޕަރޭޓާސް ކޮމިޓީ (އޭއޯސީ) އިން އެދިފައި ވާތީ އެވެ. ސަބަބަކީ ދުނިޔެއަށް އަންނަ ފިނިމޫސުމުގައި ޢާންމުކޮށް ގިނަ ޢަދަދަކަށް ފަތުރުވެރިން އަންނާތީވެ (ވިންޓަރ ސުޕާ ޕީކް) ޓެކްނިކަލް މައްސަލައެއް ދިމާވުމުގެ ފުރުސަތު ކުޑަކުރުމަށެވެ.
"މި ބޭފުޅުން މިހެން ވިދާޅުވާ އެއް ސަބަބަކީ މިސާލަކަށް މައްސަލައެއް ދިމާވެގެން މިކޮޅުން ދޮޅު ގަޑިއިރު ޑިލޭއެއްވީ. ދުބާއީ އިން ޔޫރަޕަށް ހުރި ކަނެކްޝަން ފްލައިޓުތައް، ހުރިހާ ފްލައިޓުތަކަށް އޭގެން މައްސަލަ ދިމާވެދާނެ. އެހެންވެ، އެކަން އަޑު އައްސަވައި ރައީސް ވެސް ހުއްދަ ދެއްވީ މި އަންނަ އަހަރަށް ހުޅުވަން." ޝަރީފް ވިދާޅުވި އެވެ.
ރައީސް ޑރ. މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވި އިރު، ނިމިފައި ވަނީ އާ ޓާމިނަލްގެ 54 ޕަސެންޓް މަސައްކަތެވެ. އެ މަސައްކަތް އަވަސް ކުރަމަކީ ރައީސް ޑރ. މުޢިއްޒު ވަރަށް ބޮޑަށް އިސްކަންދެއްވާ ކަމެކެވެ.
މި މަޝްރޫއު އަވަސްކުރުމުގެ ގޮތުން ރައީސް ޑރ. މުޢިއްޒު މަސައްކަތް ކުރައްވައިގެން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) 1.2 ބިލިއަން ރުފިޔާ ވެސް ވަނީ ހަމަޖައްސައި ދީފަ އެވެ. އެ މަޝްރޫއު ނިންމަން ސައުދީ އަރަބިއްޔާ އިން ވެސް ވަނީ 100 މިލިއަން ޑޮލަރު ދޭން ނިންމައިފަ އެވެ.