ނިމިދިޔަ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓްތައް ދިނުމަށް ލިސްޓު ހެދުމުގައި ވަރަށް ގިނަ ގޯސްތަކެއް ހުރި ކަމަށާއި ފްލެޓް ލިސްޓުގައި ހުރި ގޯސްތަކުގެ ދިރާސާ ރިޕޯޓެއް މި މަސް ނިމުމުގެ ކުރިން ނެރުއްވާނެ ކަމަށް ހައުސިންގ މިނިސްޓަރު ޑރ. އަލީ ހައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ވިދާޅުވެފައިވަނީ މި ސަރުކާރުން ވެރިކަމަށް އައިއިރު ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތްކުރަމުންދާ 4000 ފްލެޓަށް ހޮވޭ ފަރާތްތަކުގެ ލިސްޓަށް ގިނަ ޝަކުވާތަކެއް އައުމުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މައްސަލަ ބެލުމަށްފަހު، ބައެއް ކަންތައްތަކުގައި ގޮތް ނިންމުމަށް ފެބްރުއަރީ މަހު މިނިސްޓްރީއާ ޙަވާލުކުރިކަމަށެވެ. ނަމަވެސް މިނިސްޓްރީން އެ މަސައްކަތް ކުރުމުގެ ބަދަލުގައި މިނިވަން ކޮމިޓީއަކުން އެކަން ކުރުން ބުއްދިވެރި ކަމަށް ފެނުނު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޕްރައިވެޓް މީޑިއާއަށް ދިން ބަސްދީގަތުމުގައި މިނިސްޓަރު އިތުރަށް ވިދާޅުވީ ކުރީގެ ލިސްޓު ޤާންމުކުރުމުގައި ވަރަށް ގިނަ ގޯސްތަކެއް ހެދިފައި ހުރިކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި މި ކަންކަން ކުރެވިފައިވާ ގޮތުގެ ތަފްޞީލު ރައްޔިތުންނަށް ފަހުން އަންގަވާނެ ކަމަށްވެސް އެ މިނިސްޓަރު ވިދާޅުވެފައިވެއެވެ.
ކުރީ ސަރުކާރުން ފެށި 4،000 ފްލެޓުގެ މަޝްރޫޢުގެ މަސައްކަތްތައް ފަހިދިރިއުޅުން ކޯޕަރޭޝަނުން މިހާރުވެސް ކުރިއަށްދާ ކަމަށާއި، ނަމަވެސް ފްލެޓްތައް ދޫކުރުން ލަސްވާތީ ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުންދާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މީގެ ކުރިން ހައުސިންގ މިނިސްޓްރީން ބުނެފައިވަނީ އޮކްޓޯބަރު މަހު ފްލެޓް ލިސްޓު ޢާންމުކުރާނެ ކަމަށެވެ. އޭގެ ފަހުން މި މަހުގެ ފުރަތަމަ ދެހަފުތާ ތެރޭގައި ލިސްޓު ނެރޭނެ ކަމަށް ބުނުމަށްފަހު، މިދިޔަ ހޮނިހިރު ދުވަހު މިނިސްޓްރީން ވަނީ ލިސްޓު މުރާޖަޢާށް ނުނިމޭތީ، ލިސްޓު ނެރުން ފަސްކޮށްފައެވެ.
އެނގެން މުހިންމު ބައެއް ކަންތައްތައް:
- ކުރީގެ ސަރުކާރުން ހެދި ފްލެޓް ލިސްޓުގައި ބޮޑެތި ކޮރަޕްޝަން މައްސަލަތަކެއް ހުރި
- ލިސްޓުގައި މައްސަލަ އުޅޭކަން ޢާންމުން ދިޔައީ ގެޒެޓުން ފެނުމާއެކު ޝަކުވާ ކުރަމުން.
- އައިޑީކާޑު ދައްކާފައި، ފޯމު ނުފުރިޔަސް ފްލެޓް ލިބޭނެ ކަމަށް ނިންމާފައި އެބަހުރި.
- އެއް ގެއެއްގެ އެތައް ބަޔަކަށް ފުލެޓް ދީފައި އެބަހުރި.
- ދަރިއެއް ނެތް، މާލޭގައި ދެއަހަރު ނުވާ ދެމަފިރިންނަށް ވެސް ހުރީ ފްލެޓް ދީފައި
- އައިޑީކާޑުގެ 1 ފަރާތް ހުށަހެޅުމުން ވެސް ފުލެޓް ދީފައި އެބަހުރި
- މި ގޯސްތަކުގެ ދިރާސާ ރިޕޯޓެއް މި މަހު ނެރުއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި.
- މިނިސްޓްރީގެ ބަދަލުގައި މިނިވަން ކޮމިޓީއަކުން މި މައްސަލަ ބަލަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި.
- ފްލެޓްތައް ދޫކުރުން ލަސްވަމުންދާތީ ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުންދާއިރު، މިކަން ނުބަލައި ދޫކޮށްފިނަމަ އެ ނިގުޅައިގަނެވެނީ ވަރަށް ގިނަ ބައެއްގެ ޙައްޤުތަކެއް..