ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، މ. ދިއްގަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ.
މި ދަތުރުފުޅަކީ ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ފާހަގަކުރުމާ ގުޅޭ ގޮތުން ކުރެއްވި ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި މެޑަމް ސާޖިދާ ވަނީ ދިއްގަރުގައި ބޭއްވި ހަކުރުބަލީގެ ދުވަހުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާފައެވެ. މީގެ އިތުރުން، އެކަމަނާ ވަނީ ދިއްގަރުގެ 16 އަހަރުން މަތީގެ އާބާދީގެ ތެރެއިން ހަކުރުބަލި ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ލަފާކުރެވޭ ފަރާތްތަކަށް އަމާޒުކޮށްގެން "ލައިފްސްޓައިލް އިންޓަވެންޝަން ޕްރޮގްރާމް" ގެ ނަމުގައި ފަރުމާކޮށްފައިވާ ޚާއްޞަ ޕްރޮގްރާމެއް އިފްތިތާޙުކޮށްދެއްވާފައެވެ.
ދަތުރުފުޅުގެ ތެރޭގައި މެޑަމް ސާޖިދާ ވަނީ ދިއްގަރު ސިއްޙީ މަރުކަޒުގައި ޤާއިމުކުރެވުނު ނޮން-ކޮމިއުނިކަބަލް ޑިޒީޒް ކްލިނިކް ނުވަތަ ގައިންގަޔަށް ނާރާ ބަލިތަކާ ގުޅޭ ކްލިނިކް ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ. މި ކްލިނިކަކީ ހަކުރުބަލި ފަދަ ދިގު މުއްދަތުގެ ބަލިތަކަށް ފަރުވާ ދިނުމަށް ޚާއްޞަކޮށް ޤާއިމުކުރެވިފައިވާ ކްލިނިކެކެވެ.
ބައިނަލްއަޤުވާމީ ގޮތުން ހަކުރުބަލީގެ ދުވަސް ފާހަގަކުރަނީ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ. މިއަހަރުގެ ހަކުރުބަލީގެ ދުވަހުގެ ޝިޢާރަކީ "ހަކުރުބައްޔާއި ދުޅަހެޔޮކަން" އެވެ. މި ޝިޢާރުގެ ދަށުން ނަފްސާނީ، ޖިސްމާނީ އަދި އިޖުތިމާޢީ ދުޅަހެޔޮކަމަށް އިސްކަންދެވޭނެއެވެ.