ދުޅަހެޔޮކަމަކީ އިންސާނާގެ ރައްކާތެރިކަމާ ގުޅިފައިވާ މުހިންމު ނިޢުމަތެއް: މެޑަމް ސާޖިދާ

އައިޝަތު ރުވާ ރިފްޢަތު | 120 ދުވަސް ކުރިން - 21:09
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު
ޚުލާސާ

ބަލި ކޮންޓްރޯލް ކުރުމަށް ހިންގާ ޕްރޮގްރާމުގެ ބޭނުމަކީ ދެމެހެއްޓެނިވި ބަދަލެއް ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެނެސްގެން ހަކުރުބައްޔާއި ގައިންގަޔަށް ނާރާ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކުރެވޭ މިންވަރު ދެނެގަތުން ކަމަށް މެޑަމް ސާޖިދާ ފާހަގަކުރެއްވި.

ދުޅަހެޔޮކަމަކީ ކޮންމެ އިންސާނަކަށް ވެސް މުހިންމު ނިޢުމަތެއް ކަމަށާއި އެކަމަކީ އިންސާނާގެ ރައްކާތެރިކަމާ ގުޅިފައިވާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ހެލްތު މިނިސްޓްރީން 2024 ވަނަ އަހަރުގެ ދުނިޔޭގެ ހަކުރުބަލީގެ ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ޚާއްޞަ ހަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ހަފްލާގައި އެކަމަނާ ދެއްކެވި ވާހަކަފުޅުގައި، ފަގީރު ޤައުމުތަކުގެ ލިސްޓުން ދިވެހިރާއްޖެ އުނިވެ، ތަރައްޤީވަމުންދާ ޤައުމުތަކުގެ ލިސްޓުގައި ހިމެނި، ދިވެހީންގެ ޙާލަތަށް އައި ބަދަލާއެކު، ކެއިންބުއިމާއި ދިރިއުޅުމުގެ ވައްޓަފާޅިއާއި ގުޅުންހުރި ބަލިތައް އާންމުވާން ފަށާފައިވާކަން ފާހަގަކުރެއްވިއެވެ. އެގޮތުން ކުރިން ދިވެހީންގެތެރޭގައި އާންމުވެފައިވާ ގައިންގަޔަށް އަރާ ބަލިތަކުގެ ބަދަލުގައި، ކެއިންބުއިމާއި ދިރިއުޅުމުގެ ވައްޓަފާޅިއާއި ގުޅުންހުރި ކެންސަރާއި، ހަކުރުބައްޔާއި، ހިތުގެ ބަލިތައްފަދަ ގައިންގަޔަށް ނާރާބަލިތައް އާންމުވާން ފަށާފައިވާކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މީގެއިތުރުން މެޑަމް ސާޖިދާ ވިދާޅުވީ ހަކުރު ބައްޔަކީ ގައިންގަޔަށް ފެތުރޭ ބައްޔެއް ނޫން ނަމަވެސް އެ ބައްޔަކީ ވާރުތަކުރާ ބައްޔެއް ކަމަށެވެ. އަދި މި ބަލި ކޮންޓްރޯލް ކުރުމަށް ހިންގާ ޕްރޮގްރާމުގެ ބޭނުމަކީ ދެމެހެއްޓެނިވި ބަދަލެއް ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެނެސްގެން ހަކުރުބައްޔާއި ގައިންގަޔަށް ނާރާ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކުރެވޭ މިންވަރު ދެނެގަތުން ކަމަށް ވިދާޅުވިއެވެ.

މި ޕްރޮގްރާމުގެ ދަށުން މ. ދިއްގަރުގެ 16 އަހަރުން މަތީގެ އާބާދީއަށް އަމާޒުކޮށް ސްކްރީން ކުރެވި، ހަކުރުބަލި ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ލަފާކުރެވޭ އާބާދީއަށް އަމާޒުކޮށް، އެ ފަރާތްތަކުގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެނެވޭ ބަދަލުގެ ސަބަބުން އެ މީހުންގެ ޞިއްޙީ ޙާލަތަށް އަންނަ ބަދަލު ވަޒަންކުރެވޭނެ ކަމަށް މެޑަމް ސާޖިދާ ފާހަގަކުރެއްވިއެވެ. މި ޕްރޮގްރާމް ހިންގުމަށްޓަކައި ދިއްގަރުން ހޮވާލެވުނު 10 ފަރާތަކަށް ލައިފްސްޓައިލް ކޯޗުންގެ ގޮތުގައި މިހާރު ވަނީ ތަމްރީނު ދެވިފައެވެ.

މިއަހަރުގެ ހަކުރު ބަލީގެ ދުވަހަށް އިންޓަނޭޝަނަލް ޑައިބިޓީސް ފެޑެރޭޝަނުން ކަނޑައަޅުއްވާފައިވާ ޝިޢާރަކީ "ހަކުރުބައްޔާއި ދުޅަހެޔޮކަން" އެވެ. މި ޝިޢާރުގެ ދަށުން ނަފްސާނީ، ޖިސްމާނީ އަދި އިޖުތިމާޢީ ދުޅަހެޔޮކަމަށް އިސްކަންދެވޭނެ ކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%