ފްލެޓް ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް އަންނަ ހަފުތާގައި ނެރުމަށް ސަރުކާރުން ނިންމައިފި

އައިޝަތު ރުވާ ރިފްޢަތު | 124 ދުވަސް ކުރިން - 13:15
ހުޅުމާލެ ދެވަނަ ފިޔަވަހި. / ފޮޓޯ: ޚުލާސާ
ހުޅުމާލެ ދެވަނަ ފިޔަވަހި. / ފޮޓޯ: ޚުލާސާ
ޚުލާސާ

ހުރިހާ ފޯމެއް އިވެލުއޭޓްކޮށް ނިމުމުން އަންނަ ހަފުތާ ތެރޭގައި 4,000 ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓް ޢިއުލާންކުރާނެ ކަމަށް ވަޒީރު ހައިދަރު ވިދާޅުވި.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޢިމާރާތްކުރާ 4,000 ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓް އަންނަ ހަފްތާގައި ޢާންމުކޮށް ޝަކުވާއަށް ހުޅުވާލާނެކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ވަޒީރު ހައިދަރު ވިދާޅުވީ، 4,000 ފްލެޓަށް އެދި ހުށައަޅާފައިވާ ފޯމްތައް އަލުން އިވެލުއޭޓް ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އަދި އެހުރިހާ ފޯމެއް އިވެލުއޭޓްކޮށް ނިމުމުން އަންނަ ހަފުތާ ތެރޭގައި 4,000 ފުލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓް ޢިއުލާންކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ވަގުތީ ލިސްޓަށް ޝަކުވާގެ ފުރުޞަތުވެސް ހުޅުވާލާފައި އެ މަސައްކަތް އެއްކޮށް ނިންމާފައި އިރާދަކުރެއްވިއްޔާ ފްލެޓްތައް ހަވާލުކުރާނަން މިއަހަރު ނިމުމުގެ ކުރިން." ވަޒީރު ވިދާޅުވިއެވެ.

ކުރިން ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބުނެފައިވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރަން ނިންމި 4,000 ހައުސިންގ ޔުނިޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް މިދިޔަ މަހު ޢާންމު ކުރެވޭނެކަމަށެވެ. ނަމަވެސް ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުށައެޅި ހުރިހާ ފޯމުތަކެއް ބަލަމުންދާތީ، އެކަމަށް އިތުރު ވަގުތު ބޭނުންވާތީ ލިސްޓް ނެރުން ވަނީ ލަސްކޮށްފައެވެ.

2022 ވަނަ އަހަރު މާލެ ސަރަޙައްދުން ފްލެޓް ދޫކުރުމަށް ޢިއުލާނުކުރި ގެދޮރުވެރިޔާ ސްކީމަށް 20,607 މީހުން ފޯމު ހުށައެޅިއެވެ. އޭގެތެރެއިން ޝަރުތު ހަމަވެ 13,000 މީހުންނަށް ފްލެޓް ދިނުމަށް، މިދިޔަ ސަރުކާރުގައި ނިންމިއެވެ. ނަމަވެސް ދައުރު ނިމުނުއިރު ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ކުރިއަށްދިޔައީ 4000 ފްލެޓްގެއެވެ.

މި ނިންމުމާ ގުޅިގެން ޝަކުވާއަށް ހުށައެޅުމަށް ހުޅުވާލުމުން 7,500 އަށްވުރެ ގިނަ މީހުން ކަންބޮޑުވުން ފާޅުކޮށް ޝަކުވާ ހުށައެޅިއެވެ. އެކަމާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނަށްވެސް ވަނީ 300 އަށްވުރެ ގިނަ މައްސަލަ ހުށަހަޅާފައެވެ.

އޭސީސީން މި ލިސްޓާ ގުޅޭ ތަޙުޤީޤު ހިންގާ ހާމަކުރިގޮތުގައި، 4,000 ފްލެޓްގެ ލިސްޓަށް ހޮވި 59.6 އިންސައްތަ މީހުންގެ ޝަރުތު ހަމައެއް ނުވެއެވެ. އެއްވެސް މައްސަލައެއް ނެތްކަމަށް ނިންމީ 20.7 އިންސައްތަ ފޯމުގައެވެ. ފްލެޓް ލިސްޓްގެ މައްސަލަ ޙައްލުކޮށް އަލުން ނެރުމަށް އޭސީސީން ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއަށް އެންގީ މިއަހަރުގެ ފެބްރުއަރީމަހުއެވެ.

ފްލެޓް ލިސްޓް އާންމު ކުރުމުގެ މަސައްކަތްތައް ކުރަމުންދާއިރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ މި ފްލެޓްތަކުގެ ސްޓްރަކްޗަރަލް މަސައްކަތްތައް ވަނީ ނިންމާފައެވެ. މި 4,000 ހައުސިންގ ޔުނިޓްގެ މަސައްކަތްތައް އެއްކޮށް ނިމޭނެ ކަމަށް އެފްޑީސީން ލަފާކުރަނީ 2025 ވަނަ އަހަރުގެ ފުރަތަމަ އަދި ދެވަނަ ކުއާޓަރގައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%