ހެލްތު އެކްސްޕޯ 2024 ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުހައްމަދު ލަޠީފް ހުޅުއްވާދެއްވައިފިއެވެ. "ފުރިހަމަ ޞިއްޙަތަކަށް މުޅި ޤައުމު އެކުގައި" މި ޝިޢާރުގެ ދަށުން ބޭއްވޭ މި އެކްސްޕޯ މިރެއާއި ހަމަޔަށް ހުޅުވިފައި ހުންނާނެއެވެ. އެކްސްޕޯގެ މައިގަނޑު މަޤްޞަދަކީ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ކުރެވޭ މަސައްކަތްތައް ދެއްކުމާއި، ޞިއްޙީގޮތުން ދުޅަހެޔޮ އާދަތަކަށް ހޭލުންތެރިކޮށް މަޢުލޫމާތު ފޯރުކޮށްދިނުމެވެ.
މި އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޞިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ މި އެކްސްޕޯ ކޮންމެ އަހަރަކުވެސް ބާއްވާނެ ކަމަށެވެ. އޭގެ އެންމެ މުހިންމު ބޭނުމަކީ ދުޅަހެޔޮ ސިއްޙަތަކަށް ހޭލުންތެރިކުރުމާއި، ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް ކުރަންޖެހޭ މުހިންމު ކަންތައްތައް އާންމު ރައްޔިތުންގެ ސަމާލުކަމަށް ގެނައުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ޞިއްހަތާއިބެހޭ ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިއްޙީ ސިޔާސަތުތައް ބައްޓަންކުރެވިފައިވަނީ ދެމެހެއްޓެނިވި ތަރައްޤީއާއި ދިމާލަށެވެ. އަދި ކުރިއަށް އޮތް 5 އަހަރު ވެގެންދާނީ ރާއްޖޭގެ ޞިއްޙަތުގެ މުޅިން އައު ބާބެއް ލިޔާނެ 5 އަހަރަށެވެ.
މި އެކްސްޕޯގައި 50 އަށްވުރެ ގިނަ ސްޓޯލް ހިމެނެއެވެ. މީގެ ތެރޭގައި ޞިއްޙީ ވުޒާރާގެ އިތުރުން ހޮސްޕިޓަލްތަކާއި ޞިއްޙީ ޚިދުމަތްދޭ އެހެނިހެން ތަންތަނާއި، މަދަނީ ޖަމްޢިއްޔާ ޖަމާޢަތްތަކާއި އަމިއްލަ ފަރާތްތަކުގެ ސްޓޯލްތައް ހިމެނެއެވެ. އެކްސްޕޯގައި ކުޑަކުދިންނަށް އަމާޒުކޮށްގެން ޚާއްޞަ ހަރަކާތްތަކެއްވެސް ކުރިއަށްގެންދާނެއެވެ.
ހުޅުވުމުގެ ރަސްމިއްޔާތުގައި ޞިއްޙީ ދާއިރާގެ ހަފްތާ 52 ގެ މަސައްކަތާއި ގުޅޭ ފޮތެއް ނައިބު ރައީސް ނެރުއްވައިދެއްވިއެވެ. އަދި ރަސްމިއްޔާތަށްފަހު ނައިބު ރައީސްވަނީ އެކްސްޕޯ ބައްލަވާލައްވާފައެވެ.