ސީ.ޕީ.އޭ.ގެ ސަރަޙައްދީ މަންދޫބުގެ މަޤާމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް އިންތިޚާބުވެވަޑައިގެންފިއެވެ.
މިހާރު އޮސްޓްރޭލިއާގެ ސިޑްނީގައި ކުރިއަށްދާ 67 ވަނަ ކޮމަންވެލްތް ޕާލިމެންޓަރީ ކޮންފަރަންސް (ސީ.ޕީ.ސީ.) ގައި ސީ.ޕީ.އޭ.ގެ އޭޝިއާ ސަރަޙައްދުގެ، ސަރަޙައްދީ މަންދޫބުގެ މަޤާމަށް ނާޒިމް އިންތިޚާބުވެވަޑައިގެންފައި ވަނީ މިއަދުއެވެ.
ސީ.ޕީ.އޭ.ގެ އެގްޒެކެޓިވް ކޮމިޓީގައި ހިމެނޭ ސަރަޙައްދީ މަންދޫބުންނަކީ އެސޯސިއޭޝަންގެ ހަރަކާތްތައް ހިންގުމާއި، ސަރަޙައްދުތަކުގެ މަސްލަހަތު ފައިދާހުރި ގޮތެއްގައި ތަމްސީލުކުރޭތޯ ބެލުމުގައި މުހިންމު ދައުރެއް އަދާކުރާބައެކެވެ.
ސަރަޙައްދީ މަންދޫބުންގެ ދައުރު ދެމިގެންދަނީ 3 އަހަރަށެވެ. އަދި، ނިންމުންތައް ނިންމުމުގެ މަރުހަލާތަކުގައި ބައިވެރިވުމާއި، އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުންތަކުގައި ބައިވެރިވުން، ސަރަޙައްދީ މަންދޫބުންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެއެވެ.