މި ސަރުކާރަށް މިވީ ދުވަސްތަކުގައި އުސް ޢިމާރާތްތަކެއް ފެންނަން ނެތް ނަމަވެސް، ރާއްޖޭގެ އިޤްތިޞާދު ހަމަ މަގަށް އެޅުވުމަށް ގިނަ މަސައްކަތްތަކެއް މިހާތަނަށް ކުރެވިފައިވާކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިފަދައިން ވިދާޅުވީ މުޅި ރާއްޖެއަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމް ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް އިފްތިތާޙްކުރުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ އިޤްތިޞާދު ހަމަ މަގަށް އެޅުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ހެޔޮ ބަދަލުތައް މިހާރު ފެންނަން ފަށާފައިވާ ކަމަށެވެ. އަދި ކުރީގެ އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ރާއްޖޭގެ އާމްދަނީއަށް އިތުރުވާނެ އޮށްޓަރެއް ހުރި އެއްވެސް އެސެޓެއް ޤާއިމްކޮށްފައި ނުވާކަމަށާއި، މި ސަރުކާރަށް ވާރުތަވެގެން އައީ ދަރަންޏާއި ފެއިލް ވެފައި އޮތް މާލީ ނިޒާމަކާއި މޮނިޓަރީ ނިޒާމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ 5 އަހަރެއްގައި ކެބިނެޓް ޖަލްސާތައް ނުބާއްވާ ޢަދަދަށް މި ފާއިތުވި 52 ހަފްތާގެ ތެރޭގައި ޖަލްސާތައް ބާއްވާފައިވާ ކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާ އިރުޝާދާއެކު ގާތްގަނޑަކަށް 100 އަށްވުރެ ގިނަ އިކޮނޮމިކް ކައުންސިލްގެ ބައްދަލުވުންތައް ބާއްވާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ސީޝަލް ކައުންސިލްގެ ބައްދަލުވުންތަކާއި، ވަޒީރުންގެ މަސައްކަތްތައް ކުރިއަށްގެންގޮސްފައިވަނީ ރައީސްގެ އިރުޝާދާއެކު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ބީއެމްއެލްގެ މަސައްކަތްތައްވެސް ދިވެހި ބޭންކެއްގެ ގޮތުގައި ކުރިއަރައިގެންދާ މަންޒަރަކީ ރާއްޖޭގެ މާލީ ޙާލަތު ރަނގަޅުވަމުން އަންނަ ކަމުގެ ހެއްކެއް ކަމަށެވެ. އަދި މީގެ އިތުރުންވެސް ވިޔަފާރިތަކަށް ހުރި ހުރަސްތައް ނައްތާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ އިރު، އަންނަ އަހަރުގެ ތެރޭގައި ޕޭޕަލް ފަދަ ޚިދުމަތްތައް ލިބިގެންދާނެ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.