ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑު (ޕީސީބީ) އިން އިއުލާނުކުރި އާ އުޞޫލެއްގެ ދަށުން، ސަރުކާރު ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ވިޔަފާރި އުޞޫލުން ހިންގާ ސަރުކާރުގެ ތަންތަނުގެ ބަޖެޓު ރިވިއުކުރުމަށް އާ ނިޒާމެއް ތައާރަފުކޮށްފިއެވެ.
"ދައުލަތުގެ ވިޔަފާރި ތަންތަނުގެ އަހަރީ ބަޖެޓު އެކުލަވައިލުމުގައި ޢަމަލު ކުރާނެ ގޮތުގެ އުޞޫލު" ގެ ނަމުގައި އެކުލަވާލާފައިވާ މި އުޞޫލުގެ މަޤްޞަދަކީ ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ ބަޖެޓު އެއްހަމައަކުން ދިރާސާކުރުމަށް ލުއިފަސޭހަ ގޮތްތަކެއް ކަނޑައެޅުމެވެ.
މި އުސޫލުގެ ދަށުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކޮންމެ އަހަރެއްގެ ޖެނުއަރީ އަދި ޖުލައި މަހު ބަޖެޓު ރިވިއުކުރަން ޕީސީބީއަށް ފޮނުވަންޖެހޭނެއެވެ. ރިވިއުއަށް ފޮނުވާ ބަޖެޓު ރިޕޯޓުގައި ބަޖެޓު ވޭރިއަންސަސް ފެންނަން ހުންނަންވާނެއެވެ. އަދި ބަޖެޓު ވޭރިއަންސް 2% އަށްވުރެ ބޮޑުނަމަ، އެކަމާއި ގުޅޭ ތަފްޞީލީ ސަބަބުތައް ރިޕޯޓުގައި ހިމަނަންޖެހޭނެއެވެ.
ޕީސީބީގެ އިޢުލާނުގައި ބުނެފައިވާ ގޮތުގައި، އަންނަ އަހަރުގެ ބަޖެޓު އެކުލަވައިލުމުގެ މަސައްކަތްތައް މިހާރު ފަށާފައިވާތީ، އާ އުޞޫލުގެ ދަށުން ބަޖެޓު އެކުލަވައިލަންޖެހޭނީ 2026 ވަނަ އަހަރަށެވެ. ނަމަވެސް މިއަދުން ފެށިގެން އުޞޫލުގައިވާ ގޮތުގެ މަތިން ބަޖެޓު ހާމަކުރުމާއި، ބަޖެޓު ރިވިއުއަށް ފޮނުވުމާއި، ބަޖެޓަށް ބަދަލު ގެނައުމުގެ މަސައްކަތްތައް ކުރިއަށް ގެންދަންވާނެއެވެ.
މީގެއިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުން ފާސްކޮށްފައިވާ ކުންފުނީގެ ބަޖެޓު ޢާންމުކޮށް ޝާއިއުކުރެވިދާނެ ކަމަށްވެސް އާ އުޞޫލުގައި ބަޔާންކޮށްފައިވެއެވެ.