ފުވައްމުލަކުގައި "އޮޕަރޭޝަން ކުރަނގި" ފެށުމަށް ކައުންސިލުން އެދެނީ ރައްޔިތުންގެ އެއްބާރުލުން

އާނާ ފަހީމް | 131 ދުވަސް ކުރިން - 21:14
ފުވައްމުލައް ސިޓީ
ފުވައްމުލައް ސިޓީ
ޚުލާސާ

ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި" ފުވައްމުލައް ސިޓީގައި ފެށުމަށް ތައްޔާރުވެއްޖެ. މި އޮޕަރޭޝަން ކުރިއަށްދާނީ މި މަހުގެ 5 އިން 20 އަށް. ކައުންސިލުން ރައްޔިތުންގެ އެއްބާރުލުމަށް އެދިފައިވޭ.

ފުވައްމުލައް ސިޓީގައި "އޮޕަރޭޝަން ކުރަނގި" ފެށުމަށް ތައްޔާރުވެއްޖެއެވެ. މި އޮޕަރޭޝަނަކީ ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާއިން ރަށްރަށުގެ ކައުންސިލްތަކާއި ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން މަޢުލޫމާތު ދެއްވިގޮތުގައި، މި އޮޕަރޭޝަން އެ ސިޓީގައި ކުރިއަށްގެންދަން ނިންމާފައިވަނީ މި މަހުގެ 5 އިން 20 އަށެވެ. މި މުއްދަތުގައި އެ ސިޓީގައި ދިރިއުޅޭ ހުރިހާ ބިދޭސީ މަސައްކަތްތެރިންގެ ބަޔޯމެޓްރިކްސް ނެގުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

ކައުންސިލުން އިލްތިމާސްކޮށްފައިވަނީ ބިދޭސީ މަސައްކަތްތެރިން ގެންގުޅުއްވާ ފަރާތްތަކުން މިކަމުގައި ސަރުކާރަށާއި ކައުންސިލަށް ފުރިހަމަ އެއްބާރުލުން ދިނުމަށެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، ޖޫން މަހުގެ 3 ވަނަ ދުވަހު ފެށި އޮޕަރޭޝަން ކުރަނގީގައި މިހާތަނަށް 8385 ބިދޭސީއެއްގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށްފައިވެއެވެ. އަދި މިހާތަނަށް 96 ރަށެއްގައި މި މަސައްކަތް ފަށައި 21 ރަށެއްގައި އެ މަސައްކަތް ނިންމާފައިވެއެވެ.

އޮޕަރޭޝަން ކުރަނގީގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ޤަވާޢިދާއި ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމެވެ. މި އޮޕަރޭޝަނުގެ ތެރެއިން ބިދޭސީންގެ އިނގިލީގެ ނިޝާން ނަގައި، އެ ބިދޭސީން ވަޒީފާ އަދާކުރަނީ ރާއްޖޭގައި ހެދިފައިހުރި ޤާނޫނާއި ޤަވާޢިދުގެ ދަށުންތޯ ޔަޤީންކުރެވޭނެއެވެ.

މި އޮޕަރޭޝަނުން އެއްކުރެވޭ މަޢުލޫމާތުގެ އަލީގައި ބިދޭސީންގެ މައި ދަފްތަރެއް އެކުލަވާލާނެކަމަށް ވުޒާރާއިން ވިދާޅުވެފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%