އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރުން ކޮރަޕްޝަންގެ މައްސަލަތައް ނުބަލައި އެއްވެސް ކަމެއް ނުކޮށް ތިބޭނަމަ އެ މަންޒަރު ބަލަން ރައްޔިތުންގެ މަޖިލީހުން ނުތިބޭނެ ކަމަށް ވިދާޅުވެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވަރަށް ވަރުގަދަ ބަހުގެ ޙަމަލާއެއް އޭސީސީއަށް ދީފިއެވެ. އެމަނިކުފާނު އޭސީސީއަށް މިފަދަ ބަހުގެ ޙަމަލާއެއް މި ދެއްވީ އޭސީސީ އަކީ ޒިންމާ އަދާނުކުރެވޭ ތަނަކަށްވެފައި އެތަނުގެ އިތުބާރު ގެއްލިފައިވާ ދަނޑިވަޅެއްގައި މިހާރު މަޖިލީހުގައި ކުރިޔަށްދާ ބަހުސްގެ ތެރެއިންނެވެ.
މަޖިލީހުގައި މިހާރު ކުރިޔަށްދަނީ އޭސީގެ މަތިފަޑި ކަމުގައި ހިމެނޭ އެތަނުގެ ރައީސާއި ނައިބުރައީސްގެ މަޤާމާއި ގުޅޭ ކަމެކެވެ. އެއީ އޭސީސީގެ ރައީސާއި ނައިބު ރައީސް ކަނޑައެޅުމުގެ ބާރު ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަށް ސަރުކާރުން ހުށަހެޅި އިސްލާހޙެވެ.
ނާޒިމް ވިދާޅުވީ، މިދިޔަ ސަރުކާރުން އޭސީސީއަށް އައްޔަންކުރި މެންބަރުންގެ ދައުރުގައި އަދިވެސް ތިން އަހަރު ބާކީ އޮތް ކަމަށާއި، އޭސީސީއަކީ ރަނގަޅަށް މަސައްކަތްކުރާ ތަނަކަށް ހަދަން ޖެހޭ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ އެއްވެސް ރައްޔިތަކު ނެތް، އެންޓި-ކޮރަޕްޝަން ބޯޑު ހިނގަންވާ ގޮތަށް ހިނގާ ކަމަށް ޕާފޯމްކުރަންވާ ގޮތަށް ޕާފޯމް ކުރެވޭ ގޮތަށް ކޮރަޕްޝަންގެ މައްސަލަ ހައްލުކުރެވޭ ފަދަ ބަޔަކަށް އެންޓި-ކޮރަޕްޝަން ކޮމިޝަން ވާ ކަމަށް ގަބޫލުކުރާ،" ނާޒިމް ވިދާޅުވިއެވެ.
އެހެންކަމުން، އޭސީސީގެ ރައީސާއި ނައިބު ރައީސް އައްޔަންކުރުމުގެ ބާރު ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ލިބެން ޖެހޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް އިތުރަށް ވިދާޅުވީ، އޭސީސީގެ މެންބަރުން އެއްވެސް ކަމެއް ނުކޮށް ތިބޭ ގޮތަށް ޖާގަ ދޭ ފަދަ ރައީސަކު އެ މުއައްސަސާއަށް ލައިގެން އަނެއްކާވެސް ފަސް އަހަރު ކޮރަޕްޝަން ހިނގާ ގޮތަށް ދޫކޮށްލައިފިނަމަ މަޖިލީހުން އެކަން ބަލަން ނުތިބޭނެ ކަމަށެވެ.
މީގެ އިތުރުން، ކޮރަޕްޝަން ނުހުއްޓުވޭ ކަމަށާއި، އޭސީސީން ކޮރަޕްޝަން ހުއްޓުވުމަށްޓަކައި މަސައްކަތްކުރާ މަންޒަރެއް ވެސް ނުފެންނަ ކަމަށް ނާޒިމް ފާހަގަކުރެއްވިއެވެ.