ދިވެހި ޤައުމިއްޔަތު އިޔާދަކުރުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން މުވައްޒަފުންނަށް ޤައުމިއްޔަތާ ގުޅޭ މަޢުލޫމާތުދިނުމުގެ ސެޝަނެއް ފުލުހުންނަށް ކުރިއަށް ގެންގޮސްފިއެވެ.
މި އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ސެޝަނަކީ ފުލުހުންގެ ޚިދުމަތުގެ ގޭންގު ކްރައިމް އެންފޯސްމަންޓާއި ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާ ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަނެކެވެ.
މި ސެޝަނުގައި މައުލޫމާތުދެއްވީ ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޝަޙުރުއްޛިޔާދެވެ.
މި ސެޝަނުގައި، ޤައުމިއްޔަތަކީ ކޮބައިކަމާއި ޤައުމިއްޔަތު ދިރުވައި އާލާކުރަންޖެހޭ ސަބަބާއި ޤައުމިއްޔަތުގެ މުހިންމުކަމާ ގުޅޭގޮތުން ވަނީ މަޢުލޫމާތު ޙިއްސާކޮށްފައެވެ.
މީގެ އިތުރުން، ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ސަބަބުން، އަންނަން އޮތް ޖީލަށް ކުރާނެ ފައިދާތަކާއި މިއަދުގެ ކުޑަކުދިންގެ ހިތްތަކުގައި ޤައުމީ ލޯބި ދިރުވައި ޤައުމިއްޔަތު ދެމެހެއްޓޭނެ ގޮތްތަކުގެ މަޢުލޫމާތުގެ އިތުރުން މަޢުޟޫއާ ގުޅުންހުރި އެހެނިހެން މަޢުލޫމާތު ވެސް ހިއްސާކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.
ސަރޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގގައި ކުރިއަށްގެންދިޔަ މި ސެޝަނުގައި، ގޭންގު ކްރައިމް އެންފޯސްމަންޓާއި ޑްރަގް އެންފޯސްމަންޓުގެ ގިނަ މުވައްޒަފުން ބައިވެރިވި ކަމަށް ފުލުހުން މަޢުލޫމާތުދިނެވެ.