ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްޙީ ދާއިރާއިން އުފެދޭ ކުނި ނައްތާލުމަށް ޚާއްސަ ފެސިލިޓީއެއް ހއ. ބާރަށު ސިއްޙީ މަރުކަޒުގައި ޤާއިމްކޮށްފިއެވެ. މިއަދު ބޭއްވުނު ރަސްމިއްޔާތެއްގައި މި ފެސިލިޓީ ހަވާލުކުރުމުގެ އިތުރުން، ނެޝަނަލް ހެލްތު ލެބޯރެޓަރީގެ މަސައްކަތް ހަރުދަނާ ކުރުމަށް ހެވީމެޓަލްސް ޓެސްޓު ކުރެވޭ އައިސީޕީ އެމްއެސް މެޝިނެއް ފޯރުކޮށްދިނުމަށް ތިމާވެއްޓާއި ހަކަތާއާ ބެހޭ ވުޒާރާއާއި ސިއްޙަތާ ބެހޭ ވުޒާރާއާ ދެމެދު ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގައި މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޠާރިޤް އިބްރާހިމެވެ. އަދި ސިއްޙަތާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވީ ސިއްޙީ ދާއިރާއިން އުފެދޭ ކުނި އެންދުމަށް ބަރޯސާވާ މިންވަރު މަދުކުރުމަކީ މުހިންމުކަމެއްކަމަށެވެ. އެއީ މިފަދަ ކުނި އެންދުމުގެ ސަބަބުން ޖައްވަށް ނުރައްކާތެރި ވިހަ ގޭސްތައް ބޭރުވެ، ތިމާވެށްޓަށާއި އިންސާނުންގެ ސިއްޙަތަށް ނޭދެވޭ އަސަރުތަކެއް ކުރާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ މި މަސައްކަތުގެ ސަބަބުން، ތިމާވެށީގެ ތަޣައްޔަރުކަން ދެނެގަތުމަށް ނެޝަނަލް ހެލްތު ލެބޯރެޓަރީގެ އިންސާނީ ވަސީލަތްތައް ތަރައްޤީވެ، މުވައްޒަފުންގެ ފަންނީ ޤާބިލުކަން އިތުރުވެގެންދާނެކަމަށެވެ. އަދި ތިމާވެށި މޮނިޓަރކުރުމުގައި އެވުޒާރާއާ ސިއްޙީ ވުޒާރާ ގުޅިގެން މަސައްކަތްކުރުމަކީ ވަރަށް މުހިންމުކަމެއްކަމަށެވެ.
ބާރަށުގައި ގާއިމު ކުރެވުނު ފެސިލިޓީ އަކީ ސިއްޙީ މަރުކަޒެއްގައި ސިއްޙީ ކުނި މެނޭޖުކުރުމަށް ދިވެހިރާއްޖޭގައި ގާއިމުކުރެވުނު ފުރަތަމަ ފެސިލިޓީއެވެ. މި ފެސިލިޓީގައި ސިއްޙީ ދާއިރާއިން އުފެދޭ ކުނި ހަރުދަނާ އުސޫލުތަކާ އެއްގޮތަށް މެނޭޖުކުރުމަށް ރަށު ފެންވަރުގައި ނައްތާލުމަށް އެންމެ ރަނގަޅު ޓެކްނޮލޮޖީ އަދި ތިމާވެއްޓާއި ރައްޓެހި އުސޫލުތައް ތަޢާރަފު ކުރެވޭނެކަމަށް ތިމާވެށްޓާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ.
މީގެ އިތުރުން، ފޯރުކޮށްދެވުނު އައިސީޕީ އެމްއެސް މެޝިނުން ފަސްގަނޑުގެ ސެޑިމެންޓްސް އަދި އިންސާނުންގެ ލޭގައިވެސް ހެވީ މެޓަލްސް މާއްދާ ހުންނަ މިންވަރު ދެނެގަނެވޭނެއެވެ. މިކަމުގެ ސަބަބުން ތިމާވެށި ހިމާޔަތްކުރުމަށާއި، އާންމު ސިއްޙަތު ރައްކާތެރި ކުރުމަށް ސަރުކާރުން ކުރާ މަސައްކަތް ހަރުދަނާ ކުރެވޭނެކަމަށް އެ ވުޒާރާއިން ބުންޏެވެ.ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވީ މި މެޝިނަށް ބޭނުންވާ ކެމިކަލް ރިއެޖެންޓްތައް ނެޝަނަލް ހެލްތު ލެބޯރެޓަރީއަށް މިއަހަރު ނިމުމުގެ ކުރިން ފޯރުކޮށްދޭނެއެވެ.
މި މަޝްރޫޢުތަކުގެ އިތުރުން، ޕޮޕްސް މަޝްރޫޢުގެ ދަށުން އިތުރު މަސައްކަތްތަކެއް ކުރިއަށްދާކަން ތިމާވެށްޓާ ބެހޭ ވުޒާރާއިން ހާމަކުރެއްވިއެވެ. މީގެ ތެރޭގައި ނުރައްކާތެރި ކެމިކަލް ހިމެނޭ ކުނި ސްޓޯރ ކުރުމަށް އައްޑޫ ސިޓީގައި އިންޓެރިމް ހެޒަރޑަސް ކެމިކަލް ވޭސްޓް ސްޓޯރޭޖް ފެސިލިޓީއަކާއި ރ. ވަންދޫގައި ހެޒަރޑަސް ކެމިކަލް އެންޑް ވޭސްޓް މެނޭޖްމަންޓް ސިސްޓަމެއް ގާއިމްކުރުން ހިމެނެއެވެ.
މި މަޝްރޫޢުތަކަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި އާންމު ސިއްޙަތު ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއްކަމަށް ދެ ވުޒާރާގެ އިސްވެރިން ފާހަގަކުރެއްވިއެވެ. މި މަސައްކަތްތަކުގެ ސަބަބުން ރާއްޖޭގެ ސިއްޙީ ދާއިރާއިން އުފެދޭ ކުނި ނައްތާލުމުގެ މަސައްކަތް އިތުރަށް ހަރުދަނާވެ، ތިމާވެށި ރައްކާތެރިކުރުމަށް އިތުރު ބާރެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.