އަދުގެ ޒުވާންޖީލަކީ ޑޭޓާ ދެނެގަނެ އޭގެ ބޭނުންކުރުމަށް އާދަވެފައިވާ، ތަރައްޤީއަށް ކުރިމަތިވާ ގޮންޖެހުންތަކަށް ޒަމާނީ ފަންނިއްޔާތުގެ އެހީގައި އީޖާދީ ހައްލުތަކެއް ހޯދާ ބަޔަކަށް ހެދުމަށް މަސައްކަތްކުރަންޖެހޭ ކަމަށް ގެދޮރުވެރިކަމާ ބިމާ ޢުމްރާނީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަޙުމަދު މިއަދު ވިދާޅުވެއްޖެ.
ޤައުމީ ތަފާސްހިސާބުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވަޒީރު ވިދާޅުވީ، ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ނިޒާމަކީ ލާމަރުކަޒީ ނިޒާމެއް ކަމުން، ޒަމާނީ ފަންނިއްޔާތުގެ އެހީގައި މި ނިޒާމު އިތުރަށް ފުރިހަމަކޮށް، ނެގޭ މަޢުލޫމާތުތަކުގެ އަލީގައި ސިޔާސަތުތައް ބައްޓަންކޮށް، ރާއްޖޭގެ ތަރައްޤީއަށް ދިމާވާ ގޮންޖެހުންތަކަށް އަވަސް ހައްލުތަކެއް ގެނައުމުގެ މަސައްކަތް ހަލުވިކުރަންޖެހޭ ކަމަށެވެ. އަދި ދައުލަތުގެ ހުރިހާ އިދާރާތަކަކުންވެސް އެ އިދާރާއެއްގެ ތެރެއިން އެކުލަވާލެވޭ ތަފާސްހިސާބު ރަނގަޅަށް ބެލެހެއްޓުމުގެ މުހިންމުކަން ވަރަށް ބޮޑު ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ޤައުމުގެ ކުރިއެރުމަށްޓަކައި އިދާރާތަކާއި ކައުންސިލްތަކުގައި ހަރަކާތްތެރިވާ އެންމެންވެސް ތަފާސްހިސާބަށް އަހުލުވެރިކުރެވި، ކަންކަން ނިންމުމުގަޔާއި އިދާރާތަކުގެ ހިންގުން ހަރުދަނާ ކުރުމަށް، ތަފާސްހިސާބު ބޭނުންކުރާ މިންވަރު މިހާރަށްވުރެ އިތުރުކުރަންޖެހޭ ކަމަށެވެ. އަދި އެއްކުރާ މަޢުލޫމާތަކީ ފަސޭހަކޮށް ލިބެން ހުންނަ މަޢުލޫމާތަށް ހެދުމަކީ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ވެސް އެންމެ ބޮޑު އަމާޒުކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ، ރާއްޖޭގެ ތަފާސްހިސާބުގެ ދާއިރާގެ ދުރުރާސްތާގެ ތަސައްވުރު، އެން.އެސް.ޑީ.އެސް 2021-2030ގެ އަމާޒުތަކަށް ވާސިލްވުމަށްޓަކައި ދައުލަތުގެ ތަފާސްހިސާބުގެ މަސައްކަތްކުރާ އިދާރާތައް ގުޅިގެން، މިއަހަރު ވަނީ ސެކްޓޯރަލް އެކްޝަން ޕްލޭނެއް 2025 އިން 2027 އަށް އެކުލަވާލައި ދައުލަތުގެ ބަޖެޓަށް ހުށަހަޅާފައި ކަމަށެވެ.
މިއަހަރަކީ ޤައުމީ ފެންވަރެއްގައި ތަފާސްހިސާބުގެ ދުވަސް ފާހަގަކުރެވޭ ތިންވަނަ އަހަރެވެ. މިއަހަރުގެ ޝިޢާރަކީ "ސްޓެޓިސްޓިކްސް ފޯ އެން އިންޓެލިޖަންސް ޑްރިވަން ފިއުޗަރ" އެވެ. މި ޝިޢާރު ބިނާވެފައިވަނީ މިދިޔަމަހު ނިއުޔޯކުގުގައި އދ އިން ބޭއްވި ސަމިޓް އޮފް ދަ ފިއުޗަރގައި ދިވެހިރާއްޖޭގެ އިވެންޓް "ވިޝަން ފޯ އެން އިންޓެލިޖަންސް ޑްރިވަން ފިއުޗަރ އޮފް މޯލްޑިވްސް" ގައައި ރައީސުލްޖުމްހޫރިއްޔާ ހިއްސާކުރެއްވި ޤައުމީ ތަސައްވުރުގެ މައްޗަށް ކަމަށް ވަޒީރު ހައިދަރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މި އަމާޒާ އެއްގޮތަށް މަސައްކަތް ކުރެވިއްޖެނަމަ، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް 2030 އަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ވެސް އެއެއްކުރާ މަޢުލޫމާތު މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި ރާއްޖޭގައި ދިރާސާކޮށް މަޢުލޫމާތު އެއްކުރުން ފުޅާކުރުމަށް "ބިގްޑޭޓާ ޤައުމީ ދިރާސާ" އިފްތިތާޙުކުރެވުނެވެ.
މިއީ ޒާމާނީ ގޮތްތައް ބޭނުންކޮށްގެން މަޢުލޫމާތު އެއްކުރާ ދިރާސީ ނިޒާމެކެވެ. މީގެދަށުން ޤައުމުތަކުގެ ތަފާސްހިސާބުގެ ޤާނޫނުތައް ޒަމާނީކޮށް ފަރުދީ ޑޭޓާގެ ސިއްރުހިފެހެއްޓުން ހަރުދަނާކުރުމާއި، ބިގްޑޭޓާ، ސިޓިޒަން ސައިންސް ފަދަ ޑޭޓާ ބޭނުންކުރުމާއި އިދާރީ ތަފާސްހިސާބާއި ރެޖިސްޓަރ ބޭސްޑް ޑޭޓާ ބޭނުންކުރުމަށް މަގުފަހިވާގޮތަށް ޑޭޓާ ސްޓޭންޑަރޑްސްތައް އިސްލާހުކުރާނެއެވެ.