ސަރުކާރުގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި 4.2 ބިލިޔަން ރުފިޔާގެ ޓްރެޜަރީ ބިލް (ޓީ-ބިލް) ވިއްކުމަށް މިނިސްޓްރީ އޮފް ފިނޭންސްއިން ނިންމައިފިއެވެ. މި ޓީ-ބިލްތައް ވިއްކުމަށް ހަމަޖެހިފައިވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ.
މާލީ ވުޒާރާއިން މަޢުލޫމާތު ދިންގޮތުގައި، ވިއްކުމަށް ނިންމާފައިވަނީ ޖުމްލަ 4.2 ބިލިޔަން ރުފިޔާގެ 4 ޓީ-ބިލެކެވެ. މީގެ ތެރޭގައި ހިމެނެނީ:
- 1.28 ދުވަހުން އަނބުރާ ދެއްކުމަށް 1.9 ބިލިޔަން ރުފިޔާގެ ޓީ-ބިލް
- 298 ދުވަހުން އަނބުރާ ދެއްކުމަށް 172 މިލިޔަން ރުފިޔާގެ ޓީ-ބިލް
- 182 ދުވަހުން އަނބުރާ ދެއްކުމަށް 830 މިލިޔަން ރުފިޔާގެ ޓީ-ބިލް
- 364 ދުވަހުން އަނބުރާ ދެއްކުމަށް 1.2 ބިލިޔަން ރުފިޔާގެ ޓީ-ބިލް
މި ޓީ-ބިލްތަކުގެ އިންޓްރެސްޓް ރޭޓް އުޅޭނީ 3.50 އިންސައްތައާއި 4.60 އިންސައްތައާ ދެމެދުގައި ކަމަށް މާލީ ވުޒާރާއިން ބުންޏެވެ.
ޓީ-ބިލަކީ ބަޖެޓްގެ ދަރަނި ފޫބެއްދުމަށް ވިއްކާ ދައުލަތުގެ ދަރަންޏެކެވެ. މިއީ އޭގެ އަސްލު އަގަށްވުރެ ހެޔޮކޮށް ވިއްކާ، ކަނޑައެޅިފައިވާ މުއްދަތެއް ހަމަވުމުން އަނބުރާ އަސްލު އަގު ދައްކާ ގޮތަށް ހަމަޖެހިފައިވާ އިންވެސްޓްމަންޓެކެވެ. ރާއްޖޭގައި މިހާރު ޓީ-ބިލްގައި އިންވެސްޓްކުރަނީ ބޭންކްތަކާއި، ޕަބްލިކް ކުންފުނިތަކާއި، ޕެންޝަން އޮފީހުގެ އިތުރުން އަމިއްލަ ކުންފުނިތަކުންނެވެ.
މި ޓީ-ބިލްތައް ވިއްކުމާއެކު، ސަރުކާރުން ދަނީ އާމްދަނީ އިތުރުކުރުމަށް އިތުރު ފިޔަވަޅުތަކެއްވެސް އަޅަމުންނެވެ. މިގޮތުން، ޓޫރިޒަމްގެ ޚިދުމަތްދޭ ފެސިލިޓީތަކުން ނަގާ ޓީޖީއެސްޓީ ހިމެނޭހެން 3 ޓެކުހެއް ބޮޑު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވެއެވެ. މި އިޞްލާޙުތައް ފާސްވެއްޖެނަމަ، ސަރުކާރަށް އަހަރަކު 2.6 ބިލިއަން ރުފިޔާ އިތުރުވެ، ޖީޑީޕީ 3 އިންސައްތައަށް އިތުރުވާނެކަމަށް މާލީ ވުޒާރާއިން ލަފާކުރެއެވެ.
މި ފިޔަވަޅުތަކަކީ ރާއްޖޭގެ މާލީ އަދި އިޤްތިޞާދީ ޙާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ބައެއްކަމަށް ވުޒާރާއިން ބުންޏެވެ.