މާލޭގެ މަގުތަކުުގެ މައްސަލައާ ގުޅިގެން ކުރެއްވި ޓްވީޓަކަށް ފާޑުކިޔުން އަމާޒުވުމުން، ވެރިކަމުގައި ހުއްޓަސް ނެތަސް، ކަންކަމަށް ފާޑުކިޔާނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެއެވެ.
ތައިލެންޑުގެ ވެރިރަށް ބެންކޮކްގެ ބައެއް މަގުތަކުގައި ދުވާރު ކައިރީގައި ހިޔާވާ ގަސްތައް ޖަހާފައި ހުންނާތީ އެކަމުން ހިނގައިބިނގައިވެ އުޅެން ފަސޭހަވާ ކަމަށް އާންމުންގެ މީހަކު ކުރި ޓްވީޓަކާ ގުޅިގެން މާރިޔާ ވަނީ މާލެއަކީ ހިނގާފައި އުޅެން ހިތްވަރު ލިބޭ ގޮތަށް ހުންނަ ތަނެއް ނޫންކަން ފާހަގަކުރައްވައިފައެވެ. މާރިޔާގެ ޓްވީޓުގައި ފާހަގަކުރެއްވީ، މާލޭގެ ދުވާރުތައް ހަނިކަމާއި، ކަފިހި ހުރަސްމަތިން މަގު ހުރަސްކުރާއިރު ވެސް ވެހިކަލްތައް ދަންދެން މަޑުކުރަން ޖެހޭ ކަމެވެ.
އެ ޓްވީޓާއި ގުޅިގެން ގިނަ ބަޔަކު ވަނީ މާރިޔާއަށް ފާޑުކިޔައިފައެވެ. އެގޮތުން ބައެއް މީހުން ވަނީ ކުރީގެ ސަރުކާރުގައި ފަސް އަހަރު މާރިޔާ ވަޒީރެއްގެ ގޮތުގައި ހުންނެވި އިރު އެކަންކަން ހައްލުކުރަން ވަކާލާތު ނުކުރައްވައި މިހާރު އެ ވާހަކަ ދައްކަވަނީ ކީއްވެތޯ ސުވާލު އުފައްދައިފައެވެ.
އެ ފާޑުކިޔުންތަކަށް ރައްދު ދެއްވައި މާރިޔާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، "ދައިތަ ފަސް އަހަރު ވެރިކަމުގައި ހުރި" ކަމަށް ބުނެ މަޑުން ހުންނަން ބުނާ މީހުންނަށް ފަރުވާލެއް ނެތް ކަމަށާއި އޭނާގެ އަޑު ކަނޑުވާނުލެވޭނެ ކަމަށެވެ.
ކިތަންމެ ބަޔަކު ފާޑު ކިޔަސް ކަންބޮޑުވާ ކަންތައްތަކާއި ގުޅިގެން އަޑު އުފުލާނެ ކަމަށްވެސް މާރިޔާ ވަނީ ވިދާޅުވެފައެވެ. ސަރުކާރުގައި ހުންނެވުމުގެ ކުރިން ވެސް، މަގާމުގައި ހުންނެވި އިރުވެސް އަދި އޭގެ ފަހުންވެސް ކަންބޮޑުވާ ކަންކަމުގައި އަޑުއުފުލާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މާލޭގެ މަގުތަކާ ގުޅޭގޮތުން މާރިޔާ ކަންބޮޑުވުން ފާޅުކޮށް ޓްވީޓް ކުރެއްވިއިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައިވެސް މާލޭގެ ބައެއް މަގުތައް ހަދާފައިވެއެވެ. ވެރިކަމުގެ ފަހުކޮޅު އަމީނީ މަގު ހެދުމުގެ ބޮޑު މަޝްރޫއެއް ފެށި ނަމަވެސް، އެ މަސައްްކަތް ނިމުނު އިރުވެސް އަމީނީ މަހުގެ ފެންބޮޑުވުމުގެ މައްސަލަ ހައްލެއް ނުވެއެވެ.
މާލޭގެ ގިނަ މަގުތަކަކީ އަދިވެސް ޒަމާނީ ބަދަލުތައް ނުގެނެސް ހުރި މަގުތަކެވެ. ވެހިކަލް ޕާކު ކުރާ ގޮތުން ތޮއްޖެހުމުގެ މައްސަލަ ވެސް ބޮޑެވެ. މި ސަރުކާރުން ދަނީ ޓްރެފިކް ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތައް އަޅައި ޤަވައިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ ވެހިކަލްތައް ނަގައި މަގުތައް ސާފުކުރުމުގެ މަސައްކަތް ކުރަމުންނެވެ.