މަސައްކަތު މާހައުލުގައި ނަފްސާނީ ސިއްހަތަށް އިސްކަންދިނުމުން މުވައްޒަފުންގެ އުފެއްދުންތެރިކަން އިތުރުވާނެ: ނާޒިމް

އައިޝަތު ރުވާ ރިފްޢަތު | 155 ދުވަސް ކުރިން - 14:38
ސިއްހީ ވަޒީރު އަބްދުﷲ ނާޒިމް.
ސިއްހީ ވަޒީރު އަބްދުﷲ ނާޒިމް.
ޚުލާސާ

ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަންދިނުމަކީ މުވައްޒަފުންގެ އުފެއްދުންތެރިކަން އިތުރުކޮށް، މުއައްސަސާތަކުގެ ކުރިއެރުމަށް މަގުފަހިކޮށްދޭނެ ކަމެއް. މިކަމަށް ސަމާލުކަން ދިނުމަކީ މުޅި ޤައުމުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް ވެސް މުހިންމު ކަމެއް ކަމަށް ނާޒިމް ވިދާޅުވި.

މަސައްކަތު މާހައުލުގައި ނަފްސާނީ ސިއްހަތަށް އިސްކަން ދެވިއްޖެ ނަމަ މުވައްޒަފުންގެ ދުޅަހެޔޮކަން ރަނގަޅުވެ މުއައްސަސާތަކުގެ އުފެއްދުންތެރިކަން އިތުރުވެގެންދާނެ ކަމަށް ސިއްހީ ވަޒީރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅުވައިގެން ދެއްވި ޚިތާބުގައި ނާޒިމް ވިދާޅުވީ، ނަފްސާނީ ސިއްހަތާ ނުލާ ސިއްހަތު ފުރިހަމަވެގެން ނުދާކަން އެއީ މިއަދު ދުނިޔެ ދައްކާފައިވާ ހަޤީގަތެއް ކަމަށެވެ. ނަމަވެސް ވަރަށް ގިނަފަހަރު ސަމާލުކަން ދެވެނީ ހަމައެކަނި ޖިސްމާނީ ސިއްހަތަށް ކަމަށް ނާޒިމް ފާހަގަކުރެއްވިއެވެ.

"ބޮޑު ރޯގާއެއް ޖެހުމުން ނުވަތަ ހަށިގަނޑުގެ ގުނަވަނަކަށް ބޮޑު ޒަޚަމެއް ލިބުމުން އެ އުފުލަންޖެހޭ ތަދަށް ނުވަތަ އަޅަންޖެހޭ ވޭނަށް، ނަފްސާނީ ސިއްހަތަށް ވަރަށްގިނަ ފަހަރު އިހުމާލުވެވޭ. ނުވަތަ އަޅާނުލެވޭ." ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ މިފަދަ ދުވަހެއް ފާހަގަކުރުމުގެ މަގްސަދަކީ ނަފްސާނީ ދުޅަހެޔޮ ކަމަށް ހޭލުންތެރިކަން އިތުރުކުރުމާއެކު، ޤައުމީ ފެންވަރުގައި އަދި ދުނިޔޭގެ ފެންވަރުގައި ނަފްސާނީ ސިއްހަތަށް ސަމާލުކަން ގެނައުން ކަމަށެވެ.

ދުނިޔޭގެ ނިސްބަތުގައި ކޮންމެ 8 މީހަކުން އެކަކީ ނަފުސާނީ އުނދަގޫތަކެއް ތަޙައްމަލުކުރަމުންދާ މީހެއްކަން ދުނިޔޭގެ ޞިއްހަތު ޖަމްޢިއްޔާއިން ފާހަގަކޮށްފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި 2022 ވަނަ އަހަރުގެ ޑަބްލިޔުއެޗްއޯގެ ސްޓެޕް ސާވޭއިން ހާމަވެފައިވާގޮތުން، ޑިޕްރެޝަންގެ އަލާމާތްތައް ކޮންމެ 5 މީހަކުން އެކަކު ތަހައްމަލުކުރާ ކަމަށާއި، ނަފްސާނީ ބައްޔެއްގެ ސަބަބުން އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ ޚިޔާލު ކޮންމެ 20 މީހަކުން އެކަކުގެ ހުންނަކަން ފާހަގަވެފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ނަފްސާނީ ބަލިތަކަށް ކުރިއާލާ ރައްކާތެރި ނުވެވިއްޖެނަމަ، ފަރުވާ ދިނުމަށް ހުންނަ ގިނަ ގޮންޖެހުންތަކުގެ އިތުރުން ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަށެވެ. އަދި ނަފުސާނީ ބަލިތަކާއި ހާލަތްތަކުގެ ސަބަބުން، އެއްގޮތަކަށްވެސް މަސައްކަތް ނުކުރެވުމާއި ޤަވާޢިދުން މަސައްކަތުގައި ޝާމިލު ނުވެވުމުގެ ސަބަބުން، އާއިލާތަކަށް ލިބޭ އާމްދަނީއަށާއި އަދި ޤައުމުގެ އުފެއްދުންތެރިކަމަށް ނޭދެވޭ އެތައް އަސަރެއް ކުރާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

"ނަތީޖާއެއްގެގޮތުން ދުނިޔޭގެ އިޤްތިސާދަށް ކޮންމެ އަހަރަކު ގާތްގަނޑަކަށް އެއް ޓްރިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން ލިބޭ." ނާޒިމް ވިދާޅުވިއެވެ.

ނާޒިމް އިތުރަށް ވިދާޅުވީ، މަސައްކަތު މާހައުލުގައި ނަފްސާނީ ސިއްހަތަށް އިސްކަން ދެވިއްޖެނަމަ މުވައްޒަފުންގެ ދުޅަހެޔޮކަން ރަނގަޅުވެ މުއައްސަސާތަކުގެ އުފެއްދުންތެރިކަން އިތުރުވެގެންދާނެ ކަމަށެވެ.

"އެހެންކަމުން ނަފްސާނީ ސިއްހަތާއި ގުޅޭ ކަންކަމަށް ހޭދަކޮށް އިންވެސްޓް ކުރުމަކީ ވަރަށް މުހިންމު އެހާމެ ބޭނުންތެރި ކަމެއް. މުވައްޒަފުންނަށް ރައްކާތެރި، އަޅާލާ، އޯގާތެރި މަސައްކަތު މާހައުލެއް ބިނާކުރުމަކީ ނަފްސާނީ ގޮތުން ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިކޮށްދީ، ވަޒީފާގެ މަގުސަދުތައް ހާސިލްކުރުމަށް ވަރަށް ބޭނުންތެރި ކަމެއް." ނާޒިމް ވިދާޅުވިއެވެ.

ނާޒިމް އިތުރަށް ވިދާޅުވީ، ނަފްސާނީ ބަލީގެ ޙާލަތު ރާއްޖޭގައިވެސް އެއްދުވަހުން އަނެއްދުވަހަށް ނުރައްކާތެރިވަމުންދާ ކަމަށް ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ.

ނަފްސާނީ ސިއްހަތަކީ ހަމައެކަނި ފަރުދީ ޒިންމާއެއް ނޫންކަމަށާއި ވަޒީފާދޭ ފަރާތްތަކުގެ އިތުރުން މުޅި މުޖްތަމަޢު އެކަމަށް ހޭލުންތެރިވެ ނަފްސާނީ ބަލިކަމާ ދެކޮޅަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް އަޅަންޖެހޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%