ސުކޫކުގެ ކޫޕަން ޕޭމަންޓަށް 25 މިލިޔަން ޑޮލަރު ސަރުކާރުން ދައްކައިފި

އައިޝަތު ރުވާ ރިފްޢަތު | 158 ދުވަސް ކުރިން - 12:29
ފޮޓޯ: ޚުލާސާ
ފޮޓޯ: ޚުލާސާ
ޚުލާސާ

2021 ގައި ދިވެހި ސަރުކާރުން ދޫކުރި 500 މިލިއަން ޑޮލަރުގެ ސީނިއަރ އަންސެކިއުރޑް ސުކޫކުގެ މުއްދަތު 2026 ގައި ހަމަވާއިރު، އަހަރަކު ދެފަހަރު (އޭޕްރީލް/އޮކްޓޯބަރު) ދައްކަންޖެހޭ ކޫޕަން ފައިސާ، 2024 އޮކްޓޯބަރު 7 އާ ހަމައަށް ވަނީ ދައްކައި ނިންމާފައި.

ދިވެހި ސަރުކާރުން 2021 ވަނަ އަހަރު ވިއްކި 500 މިލިޔަން ޑޮލަރުގެ ސުކޫކުގެ ކޫޕަން ޕޭމަންޓްގެ ގޮތުގައި ދައްކަންޖެހޭ 25 މިލިއަން ޑޮލަރު ސަރުކާރުން ދައްކައިފި ކަމަށް މާލީ ވުޒާރާއިން ހާމަކޮށްފިއެވެ.

މާލީ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފަވަނީ، 2021 ވަނަ އަހަރު ދިވެހި ސަރުކާރުން ދޫކުރި 500 މިލިއަން އެމެރިކާ ޑޮލަރުގެ ސީނިއަރ އަންސެކިއުރޑް ސުކޫކުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގައި ކަމަށެވެ. މި ސުކޫކަށް އަހަރަކު ދެފަހަރު، އޭޕްރީލް އަދި އޮކްޓޯބަރު މަހު، ކޫޕަން ފައިސާ ދެއްކުމަށް ހަމަޖެހިފައިވާއިރު، 2024 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހާ ހަމައަށް، ސަރުކާރުން އެންމެ ފަހުގެ ކޫޕަން ފައިސާ ކާމިޔާބުކަމާއެކު ދައްކާ ނިންމާފައިވާކަމަށް މާލީ ވުޒާރާއިން ބުންޏެވެ.

މާލީ ވުޒާރާއިން އިތުރަށް ބުނެފައިވަނީ، މި ފައިސާ ދެއްކުމަކީ ދިވެހި ސަރުކާރުން ބައިނަލްއަޤްވާމީ މާލީ ބާޒާރުގައި އަދާކުރަންޖެހޭ ޒިންމާއެއް ކަމަށެވެ. އަދި މި ފައިސާ ދެއްކުމުން، ދިވެހިރާއްޖެއަކީ ބައިނަލްއަޤްވާމީ މާލީ ބާޒާރުގައި އިތުބާރު ހުރި ޤައުމެއްގެ ގޮތުގައި ދެމެހެއްޓޭނެ ކަމަށް ވުޒާރާއިން ފާހަގަކުރިއެވެ.

ނޫސްބަޔާނުގައި އިތުރަށް ބަޔާންކޮށްފައިވަނީ، ދަރަނީގެ ފައިސާ ދެއްކުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދީފައިވާ ކަމަށެވެ. އަދި މި ކޫޕަން ފައިސާ ޤަވާޢިދުން ދެއްކުމުން ދައްކުވައިދެނީ ދަރަނި ދޫކުރި ފަރާތްތަކަށާއި އިންވެސްޓަރުންނަށް ދަރަނި އަދާކުރުމުގައި ސަރުކާރުގެ އިލްތިޒާމާއި އިތުބާރު ދެމެހެއްޓުމަށް ކުރާ މަސައްކަތް ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މި ފައިސާ ދެއްކުމަކީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ދުޅަހެޔޮކަމާއި މާލީ އިސްތިޤްރާރު ދަމަހައްޓައި، ބައިނަލްއަޤްވާމީ މާލީ ބާޒާރުގައި ރާއްޖޭގެ އިތުބާރު އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.       

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%