ލިޔެކިއުން ފުރިހަމަނުކޮށް ލޯނުގެ އަޕްޑޭޓް ހޯދުމަށް ގުޅައި އީމެއިލްކުރާ ކުދިން ވަރަށް ގިނަ: މާރިޔާ

އައިޝަތު ރުވާ ރިފްޢަތު | 176 ދުވަސް ކުރިން - 14:36
ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ
ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ
ޚުލާސާ

ލިޔެކިއުން ފުރިހަމަނުކޮށް ފައިސާއަށް އެދުމަށްފަހު އަޕްޑޭޓް ހޯދަން ވަރަށް ގިނަ ފަހަރު އީމެއިލްކޮށްފައި ހުންނަކަން ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވި. މިފަދަ އީމެއިލްތަކަށް ޖަވާބު ދިނުމަށް މުވައްޒަފުންގެ ވަގުތު ހޭދަކުރަންޖެހުމުން، ލިޔެކިއުން ފުރިހަމައަށް ހުށަހެޅި ދަރިވަރުންނަށް ލޯނުގެ ކަންކަން ފުރިހަމަކޮށްދިނުމަށް ލަސްތަކެއް ދިމާވަމުންދިޔަ ކަމަށް މިނިސްޓަރ ވިދާޅުވި.

މަތީ ތަޢުލީމު ހާސިލުކުރުމަށް ސަރުކާރުން ދޭ ލޯނު ލިބިފައިވާ ދަރިވަރުންގެ ތެރެއިން ލިޔެކިއުންތައް ފުރިހަމަނުކޮށް ލޯނުގެ އަޕްޑޭޓް ހޯދުމަށް ގުޅާ އަދި އީމެއިލް ކުރާ ދަރިވަރުން ވަރަށް ގިނަކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ، އާންމު ގޮތެއްގައި ކިޔަވާ ދަރިވަރުންނަށް ފައިސާ ދޫކުރަނީ ކޮންމެ ހަ މަހަކުން އެއްފަހަރު، ދަރިވަރު ކިޔަވަމުންދާކަން ކިޔަވާ މަރުކަޒުން އެންގުމަށްފަހު ކަމަށެވެ. ނަމަވެސް، މި މަޢުލޫމާތު ހިއްސާކުރުމަކާ ނުލައި ޕޭމަންޓް ލިބުމަށް އެދި ދަރިވަރުންގެ ފަރާތުން އެކި ފަރާތްތަކުން ގުޅާފައިވާކަން ފާހަގަކުރެވޭ ކަމަށާއި، އީމެއިލްތަކަށް ޖަވާބު ދިނުމުގައިވެސް މިފަދަ މައްސަލަތައް ދިމާވެފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ލިޔެކިއުން ފުރިހަމަނުކޮށް ފައިސާއަށް އެދުމަށްފަހު އަޕްޑޭޓް ހޯދަން ވަރަށް ގިނަ ފަހަރު އީމެއިލްކޮށްފައި ހުންނަކަން ފާހަގަކުރެވުނު. މިފަދަ އީމެއިލްތަކަށް ޖަވާބު ދިނުމަށް މުވައްޒަފުންގެ ވަގުތު ހޭދަކުރަންޖެހުމުން، ލިޔެކިއުން ފުރިހަމައަށް ހުށަހެޅި ދަރިވަރުންނަށް ލޯނުގެ ކަންކަން ފުރިހަމަކޮށްދިނުމަށް ލަސްތަކެއް ދިމާވަމުންދިޔަ." މިނިސްޓަރު ވިދާޅުވިއެވެ.

މި ސަބަބާ ހުރެ، ބައެއް ކަންކަމަށް އިސްކަންދޭން ޖެހުނު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން، ސެޕްޓެމްބަރުގައި ކިޔަވަން ފަށާ ދަރިވަރުންނަށް އިސްކަން ދެވުނު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ސެޕްޓެމްބަރު، އޮކްޓޫބަރު އަދި ނޮވެމްބަރުގައި ކިޔަވަން ފަށާ ދަރިވަރުން ފާހަގަކުރެވިފައިވާ ކަމަށާއި، އޭގެ ތެރެއިންވެސް އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ސެޕްޓެމްބަރުގައި ފަށާ ދަރިވަރުންނަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މިހާރުވެސް އެންމެ ބޮޑު ސަމާލުކަމެއް ދީގެން ގެންދަނީ ދަރިވަރުންގެ ލޯނުގެ ކަންކަން އަވަސްކުރުމަށް ކަމަށެވެ. އަދި ލޯނާއި ސްކޮލަރޝިޕް ލިބޭ ދަރިވަރުން ކިޔަވަން ފެށުމަށް ކުރަންޖެހޭ ތައްޔާރީތައް ކުރުމަށް ހަ މަހާއި ދޮޅު އަހަރުގެ މުއްދަތެއް ދެވޭ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%