ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިސް މަޤާމުތަކަށް ދިވެހިން ގެންނަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަޙްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި މިއަދު ބޭއްވި ޖަލްސާގައި ކުންފުނިތަކުގެ ޤާނޫނަށް ހުށަހަޅާފައިވާ އިޞްލާޙަށް ބަހުސްކުރެއްވުމުގެ ތެރޭގައެވެ.
"ބީއެމްއެލްގެ ބޯޑުގެ މެންބަރުން މަދުވެފައިވާތީ އާ ބޯޑު މެންބަރުން އައްޔަންކުރަން އެކްސްޓްރާ އޯޑިނަރީ ޖެނެރަލް މީޓިން (އީޖީއެމް) އެއް ބާއްވަން ބޭންކުން ހޮނިހިރު ދުވަހަށް ތާވަލުކޮށްފައި އޮއްވާ ބޭންކްގެ ސީއީއޯ މަގާމުން އިސްތިއުފާދެއްވާފައިވަނީ. އާ ސީއީއޯއެއް އައްޔަންކުރަން އިތުރު އީޖީއެމެއް ބާއްވަން ޖެހޭޭނެ. ކުންފުނިތަކުގެ ބިލު އިސްލާހުކުރުމުން އިތުރު އީޖީއެމެއް ކުރު މުއްދަތެއްގައި ބޭއްވިގެންދާނެ." ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވި ގޮތުގައި ބީއެމްއެލްގެ މުހިންމު ތިން މަޤާމެއްގައި މިހާރު ތިބީ ބިދޭސީންނެވެ. އަދި މި މަޤާމުތަކަށް މަހަކު 15,000 އެމެރިކާ ޑޮލަރުގެ މުސާރަ ދެމުންދާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ބޭންކުގެ ކޮންޓްރޯލް ނެތި ހިނގަމުންދާނަމަ، ސީރިއަސް މައްސަލަތަކެއް ދިމާވެދާނެކަމަށް ނާޒިމް ވިދާޅުވިއެވެ.
ކުންފުނިތަކުގެ ޤާނޫނަށް ހުށަހަޅާފައިވާ އިޞްލާޙުގެ ދަށުން، ޙިއްޞާދާރުންގެ ޖަލްސާ ބޭއްވުމަށް އެދޭތާ 3 ދުވަހުގެ ތެރޭގައި ދަޢުވަތު ދޭންޖެހޭނެއެވެ. އަދި 10 ދުވަހުގެ ތެރޭގައި ޖަލްސާ ބާއްވަންޖެހޭނެއެވެ. ޚާއްޞަ ޖަލްސާއެއްނަމަ 7 ދުވަސް ކުރިން ނޯޓިސް ދޭންޖެހޭނެއެވެ. މީގެ އިތުރުން، ބޯޑުގައި އެކަށީގެންވާ މެންބަރުން ނެތްނަމަ، 10 ދުވަހުގެ ތެރޭގައި އައްޔަންކުރަންޖެހޭނެއެވެ.
ނާޒިމް ވަނީ މި އިޞްލާޙުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ބީއެމްއެލް ފަދަ މުހިންމު މާލީ އިދާރާތަކުގެ އިސް މަޤާމުތަކަށް ދިވެހިން ގެނައުމަކީ ޤައުމީ މަޞްލަޙަތު ހިމެނޭ ކަމެއް ކަމުގައި އޭނާ ވިދާޅުވިއެވެ.