ދެކުނުގެ ރަށެއްގައި ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ފުލުހުންގެ ދެކުނު ޒޯނު (ގއ. ގދ. ޏ. އަދި ސ އަތޮޅު ހިމެނޭ ސަރަހައްދު)ގައި ނުކުޅެދުންތެރިކަން ހުންނަ ފިރިހެނަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިއަހަރުގެ އޭޕްރިލް މަހުގެ 14 ވަނަ ދުވަހު އެ ހިދުމަތަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލައިގައި މިމަހުގެ 11 ވަނަ ދުވަހު މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެ އެވެ. މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ދިވެހި ފިރިހެނެކެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ސެޕްޓެމްބަރު 12ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލައިގައި ޖިންސީ ގޯނާ ލިބިފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތަކަށް ކަމަށްވާތީ ގާނޫނުގައި ވާ ގޮތުގެ މަތިން މި މައްސަލަ ތަހުގީގު ކުރަމުން ދާނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގެ ގޮތުގައިކަމަށް ފުލުހުން ބުނެ އެވެ. އަދި ކުޑަކުދިންނާ ގުޅޭ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކެއްކަމަށްވާތީ މިފަދަ މައްސަލަތަކުގައި ހިމެނޭ ކުދިންގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން ކުއްޖާގެ އަތޮޅާއި ރަށް ހާމަ ނުކުރާނެކަމަށް ފުލުހުން ބުނެފައިވެ އެވެ.