ސުޕްރީމް ކޯޓުގެ ދެފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރާލްދާ ޒާހިރު އަދި މަހާޒް އަލީ ޒާހިރު އެތިއްބެވީ ސަސްޕެންޝަނުގައެވެ. އެ ދެފަނޑިޔާރުން އެބޭފުޅުންގެ ވަޒީފާއިން ވަކިކުރުމާއި ނުކުރުން ބިނާވެގެން ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމަވާ ގޮތެއްގެ މައްޗަށެވެ.
ފާހަގަކޮށްލަން ޖެހޭ މުހިންމު ކަމަކީ ރައްޔިތުންގެ ޓެކްސް ފައިސާ ޚަރަދުކުރަން ޖެހޭނީ ނަޒާޙަތްތެރި ފަނޑިޔާރުންނަށެވެ. ޤާނޫނާއި ފުށުނާރާ ގޮތަށެވެ. ޤާނޫނުގައިވާ ގޮތުންނަމަ ފަނޑިޔާރަކު ސަސްޕެންޑުކޮށްފައި ބެހެއްޓޭނީ ގިނަވެގެން 60 ދުވަހަށެވެ. ސުވާލަކީ މިދެންނެވި ދެފަނޑިޔާރުން ސަސްޕެންޝަނުގައި ތިއްބަވާތާ އަދި 60 ދުވަސް ނުވަނީތޯއެވެ؟
ފެންނަންހުރި ކިތާބީ ހެކިތަކުން އެނގެން އޮތް ގޮތުގައި މި ދެފަނޑިޔާރުން ސަސްޕެންޑް ކުރީ ފެބްރުއަރީ މަހު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ނެވެ.
ޖޭ.އެސް.ސީން އަންނަނީ ފެބުރުއަރީ 26 ގައި ސަސްޕެންޑް ކޮށްފައިވާ މި ދެފަނޑިޔާރުންނާގުޅޭ އިތުރު މައްސަލަތަކެއް ވެސް ބަލަމުންކަން ފާހަގަ ކުރެވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ފަނޑިޔާރު ޑރ. އަޒްމިރާލްދާގެ ފިރިކަލުން ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައާއި، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ހުސައިން މުހައްމަދު ހަނީފްއާ ހުތުރުބަހުން މުޚާޠަބުކުރި ކަމަށް ބުނާ މަޖިލީހުގައި ދެފަނޑިޔާރުން ބައިވެރިވި ކަމަށް ބުނާ މައްސަލައެވެ.
ތަހުގީގު ކޮމެޓީގެ ނިންމުމާ މެދު ޖަވާބުދާރީވުމަށް ދެ ފަނޑިޔާރުންނަށް ފުރުސަތު ދިންކަން ފާހަގަ ކުރެވެއެވެ. ފަނޑިޔާރެއްގެ ކިބައިން ފެނިގެން ނުވާނެ “ނަޒާޙަތްތެރި ނޫން” މަންޒަރުތަކާއި ސިފަތައް ވެސް އެ ބޭފުޅުންގެ ކިބައިން ފެނިފައިވާ ކަމަށް އޭސީސީ އާއި އަދި ތަޙްޤީޤް ކޮމިޓީން ފާހަގަކޮށްފައިވެއެވެ. އެހެންނަމަވެސް، މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމާއި މެދު ގޮތެއް ނިންމައި އިޢުލާންކޮށްފައެއް ނުވެއެވެ.
މިހާރު ޑރ. އަޒްމިރާލްދާ އާއި މަހާޒު ސަސްޕެންޝަންގައި ތިއްބަވާތާ 60 ދުވަސް ވެފައިވާއިރު، ޖޭއެސްސީގެ ގާނޫނުގައިވާ ގޮތުން ފަނޑިޔާރަކު ސަސްޕެންޑު ކުރެވޭނެ އެންމެ ދިގު މުއްދަތަކީވެސް 60 ދުވަސްކަން ފާހަގަކުރެވެއެވެ. މިކަމުގައި ޖޭ.އެސް.ސީން ދެން ޢަމަލުކުރާނެ ގޮތަކީ ކޮބައިތޯއެވެ؟ ގައިމު ވެސް މިހާރި 60 ދުވަސް ވާނެ ނޫންތޯއެވެ؟ ފަނޑިޔާރުންގެ ވެސް ޙައްޤުތައް އޮންނަ ފަދައިން ރައްޔިތުންގެ ޓެކްސް ފައިސާ ހޭދަކުރަމުންދާއިރު އެ ރައްޔިތުންގެ ޙައްޤުތަކާއި ކޯޓުތަކުގެ ޙައްޤުތައްކެއްވެސް އެބަ އޮތެވެ.