ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިއްހީ ތަޞައްވުރުގެ ތެރެއިން ތިން އަތޮޅެއްގެ އަތޮޅު ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރަން މިއަދު ކުންފުނިތަކާއި ހަވާލުކޮށްފި އެވެ.
ހެލްތު މިނިސްޓްރީން މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ޓާޝަރީ ފެންވަރަށް ހިދުމަތް ދިނުމަށް ޅ. އަތޮޅު ހޮސްޕިޓަލާއި ރ. އުނގޫފާރު ހޮސްޕިޓަލް އަދި ތިނަދޫ ޑރ. އަބުދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް ތަރައްގީކުރުމަށް ކުންފުނިތަކާ ހަވާލުކޮށްފަ އެވެ.
ނައިފަރު ހޮސްޕިޓަލުން ޓާޝަރީ ފެންވަރަށް ހިދުމަތް ދިނުމަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ހަރުދަނާކުރުމަށް އެ ހޮސްޕިޓަލް އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ހަވާލުކުރީ އާރުޑީސީއާ އެވެ. އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ހަވާލުކުރެވުނު އެ ޕްރޮޖެކްޓަށް ދައުލަތުގެ ބަޖެޓުން 7.7 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ. އެ ޕްރޮޖެކްޓްގެ ދަށުން އެ ހޮސްޕިޓަލުގެ ލޭބަރޫމް ކޮމްޕްލެކްސް އާއި އައިސީޔޫ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރާނެ އެވެ.
އުނގޫފާރު ހޮސްޕިޓަލުގެ އާ އިމާރާތުގެ މަސައްކަތް ހަވާލުކުރީ އެމްޓީސީސީއާ އެވެ. ދޮޅު އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ހަވާލުކުރެވުނު އެ ޕްރޮޖެކްޓަށް ދައުލަތުގެ ބަޖެޓުން 161.2 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ. އެ ޕްރޮޖެކްޓްގެ ދަށުން ގާއިމްކުރެވޭ އާ އިމާރާތް ނިމި ބޭނުންކުރަން ފެށުމާ އެކު، އުުނގޫފާރު ހޮސްޕިޓަލުން ޓާޝަރީ ހޮސްޕިޓަލެއްގެ ފެންވަރަށް ހިދުމަތް ފޯރުކޯށްދިނުމަށް ބޭނުންވާނެ ހުރިހާ ހިދުމަތްތަކެއް ގާއިމްކުރެވޭނެ އެވެ.
ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އާ އިމާރާތުގެ މަސައްކަތް ވެސް ހަވާލުކުރީ އެމްޓީސީސީއާ އެވެ. ދޮޅު އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ހަވާލުކުރެވުނު އެ ޕްރޮޖެކްޓަށް ދައުލަތުގެ ބަޖެޓުން 147.4 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ. އެ ޕްރޮޖެކްޓްގެ ދަށުން ގާއިމްކުރެވޭ އާ އިމާރާތް ނިމި ބޭނުންކުރަން ފެށުމާ އެކު, އެ ހޮސްޕިޓަލްގައި ވެސް ޓާޝަރީ ހޮސްޕިޓަލްގެ ފެންވަރަށް ހިދުމަތް ފޯރުކޯށްދިނުމަށް ބޭނުންވާނެ ހުރިހާ ހިދުމަތްތަކެއް ގާއިމްކުރެވޭނެ އެވެ.