ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި އުތުރުގައި ޕޯޓެއް ތަރައްޤީކުރަމުންދާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ވަޒީރު ސަޢީދު ވިދާޅުވީ ބަންކަރިންގެ ޚިދުމަތް ނުހުއްޓި ކުރިއަށްދާ ކަމަށާއި، މި ޚިދުމަތުން ރަނގަޅު އާމްދަނީއެއް ލިބެމުންދާ ކަމަށެވެ. އެހެންނަމަވެސް، މި ޚިދުމަތުން ލިބޭ އާމްދަނީގެ ތަފްސީލު އެނގޭނީ އެސްޓީއޯއަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
"އުތުރުގައި އޮފް ޕޯޓު އޭރިއާއެއް މިހާރު ތަރައްޤީކުރެވިފައިމިވަނީ، ޕޯޓެއް ނެތި ފެށީވެސް މިކަން އަވަހަށް ފެށުމަށް، އުތުރުގައި ޕޯޓު ތަރައްޤީކުރުމުގެ މަސައްކަތްދަނީ އެމަސައްކަތް ހަވާލުކޮށްފައިވާ ކުންފުންޏާއި އެކު ކުރެވެމުން،" ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. މި ޚިދުމަތް ފެށުމަށް ސަރުކާރުން 15 އާއި 20 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް އިންވެސްޓްކޮށްފައިވެއެވެ. ބަންކަރިންގެ ޚިދުމަތް ދިނުމަށް އެސްޓީއޯއިން ގެނެސްފައިވަނީ ގާތްގަނޑަކަށް 4,000 ޓަނުގެ ތެޔޮ އުފުލޭ 2 ބޯޓެވެ.
ވަޒީރު ސަޢީދު އިތުރަށް ވިދާޅުވީ އިންޓަރނޭޝަނަލް ބަންކަރިންގއާ ބެހޭ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށާއި، ބަންކަރިންގެ ވިޔަފާރިކުރާ ފަރާތްތަކަށް ބޭންކުތައް މެދުވެރިކޮށް މާލީ އެހީތެރިކަން ލިބޭނެ މަގު ފަހިކޮށްދިނުމަށްވެސް މަސައްކަތްކުރަމުންދާ ކަމަށެވެ.