އެމެރިކާގެ ޓެރިފް ސިޔާސަތުގެ ސަބަބުން ރާއްޖެއިން އެޤައުމަށް އެކްސްޕޯޓުކުރާ މަހުގެ އުފެއްދުންތަކަށް އަސަރު ނުކުރާނެ ކަމަށް އިޤްތިސާދީ ތަރައްޤީއާ ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. މި ބައްދަލުވުމުގައި އިޤްތިޞާދީ ގޮތުން ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއެކު، ރާއްޖެއަށް އަސަރެއްކުރާނެތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، އެމެރިކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ޓެރިފް އެހެން ޤައުމުތަކާ އަޅާބަލާއިރު ކުޑަކަމަށެވެ.
ނަމަވެސް، ދުނިޔޭގެ ބޮޑެތި އިޤްތިޞާދުތަކުން އަޅާ މިފަދަ ފދަ ފިޔަވަޅުތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި އުފެއްދުންތައް ލިބެން ހުންނަ މިންވަރަށް އަސަރުކުރާނެކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އޭގެ ސަބަބުން ބައިނަލްއަޤުވާމީ ބާޒާރުގައި ތަކެތީގެ އަގު އުފުލުމަކީ ގާތްކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
އިޤްތިޞާދަށް އަންނަ އަސަރުތައް ކުޑަކުރުމަށް، ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ޗައިނާއާއި އެކުވެފައިވާ ފްރީ ޓްރޭޑް އެގްރީމަންޓާއި ތުރުކީއާއި އެކުވެފައިވާ ޕްރިފަރެންޝިއަލް ޓްރޭޑް އެގްރީމަންޓް އެކުލަވާލުމަކީވެސް އެފަދައިން އެޅި މުހިއްމު ފިޔަވަޅެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މިވަގުތު ދުނިޔޭގެ ޙާލަތަށް އަންނަމުންދާ ބަދަލާއެކުވެސް، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަށްވެފައިނުވާ ކަމަށެވެ. މިކަން ހާމަވަނީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ފަހުގެ ތަފާސްހިސާބުތަކުންނެވެ.