ހެލްތު މިިނިސްޓްރީން ފަސްއަހަރުގެ މުއްދަތަށް ކަނޑައަޅާ "އިމިއުނައިޒޭޝަން ސްޓްރެޓެޖީ" ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.
ހެލްތު މިނިސްޓްރީން ބުނީ ފަސްއަހަރު ދުވަހަށް ރާއްޖޭގެ ގައުމީ އިމިއުނައިޒޭޝަން ސްޓްރެޓެޖީ އެކުލަވާލުމުގެ މަސައްކަތް މިހާރު ފަށައިފައިވާ ކަމަށެވެ.
އެއީ މި އަހަރުން ފެށިގެން 2029 ވަނަ އަހަރު ނިޔަލަށް ކަނޑައަޅާ ޕްލޭނެކެވެ.
އެ މަސައްކަތް ކުރިއަށް ގެންދަނީ ހެލްތު މިނިސްޓްރީ އާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އަދި ޔުނިސެފް ގުޅިގެން, ހެލްތު ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ)ގެ ބެލުމުގެ ދަށުންނެވެ.
މިނިސްޓްރީން ބުނީ އެ ޕްލޭން އެކުލަވާލުމުގެ މަސައްކަތަކީ އިމިއުނައިޒޭޝަން ޕްރޮގްރާމްގެ ކަންކަން އިތުރަށް ހަރުދަނާކުރުމާއި ދެމެހެއްޓެނިވި ގޮތެއްގައި އިމިއުނައިޒޭޝަންގެ ކަންކަން ކުރިއަށް ގެންދިއުމަށް ކަމަށެވެ.
އެ މަސައްކަތުގައި ހަރަކާތްތެރިވާނީ އެޗްޕީއޭގެ އިމިއުނައިޒޭޝަން ޕްރޮގްރާމްގެ މުވައްޒަފުން ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.