ރާއްޖޭގެ އުތުރުގެ 26 ރަށެއްގައި ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމްތަކެއް މިހާރު ކުރިއަށްދާ ކަމަށް މޯލްޑިވްސް އެގްރިބިޒްނަސް (މެޕް) އިން ބުނެފިއެވެ.
މެޕްއަކީ އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރ ޑިވެލޮޕްމަންޓް (އިފާޑް) އާއި ދިވެހި ސަރުކާރާ ގުޅިގެން ރާއްޖޭގެ އެންމެ އުތުރު 3 އަތޮޅު ކަމަށްވާ ހއ، ހދ އަދި ށ އަތޮޅުގައި ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ހިންގަމުން ގެންދަނީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިންނެވެ.
މެޕްގެ މަސައްކަތްތައް 2020 ވަނަ އަހަރުގެ އޮގަސްޓް މަހު ފެށިގެން އައި ނަމަވެސް، ކުރެވުނު ތަޖުރިބާތަކަށް ބަލައި ބަދަލުތަކަކާއެކު މިހާރު 26 ރަށަކަށް އަމާޒުކޮށްގެން ތަމްރީންތައް ކުރިއަށް ގެންދެވެއެވެ. މެޕްއިން ބުނާ ގޮތުގައި އުތުރުގެ ހުރިހާ ރަށެއް މި ޕްރޮގްރާމްގައި ޝާމިލުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.
މި ތަމްރީން ޕްރޮގްރާމްތަކުގެ ތެރޭގައި "އައިލެންޑް ފާމަރސް ފޯރަމް" ގެ ނަމުގައި ރަށްރަށުގައި ދަނޑުވެރިންގެ ގްރޫޕްތަކެއް އެކުލަވާލައި، ދަނޑުވެރިންގެ ބޯޑެއް އުފައްދާފައިވާކަން މެޕްއިން ފާހަގަކުރިއެވެ. މީގެ އިތުރުން، ދަނޑުވެރިންނަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޕްރޮގްރާމެއް ގްރާންޓް ސްކީމެއްގެ ދަށުން ކުރިއަށް ގެންދެވެއެވެ.
އަދި ހަމައެހެންމެ، ދަނޑުވެރިކަމުގައި ދެ ޖިންސުގެ ހަމަހަމަކަން ގާއިމުކުރުމުގެ ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކާއި، ފުޑް ސެކިއުރިޓީ އަދި ނިއުޓްރިޝަން އެވެއަރނެސް ޕްރޮގްރާމްތައްވެސް ދަނޑުވެރިންނަށް އަމާޒުކޮށްގެން ހިންގަމުންދާކަން މެޕްއިން ބުންޏެވެ.