ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް އަންނަ ޖުލައި މަހު ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ރޭ ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި އަމީން ވިދާޅުވީ ޓެކްސީ ލައިނަށް ބޭނުންވާ ކާރު ފޯރުކޮށްދޭނެ ބަޔަކު ހޯދަން އެމްޓީސީސީން އިއުލާންކޮށް، އެ ޓެކްސީތައް ފޯރުކޮށްދޭނެ ބަޔަކު މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އަދި ޓެކްސީ ލައިނަށް ބޭނުންވާ މޯބައިލް އެޕްލިކޭޝަން ހެދުމުގެ މަސައްކަތާއި ޓެކްސީތައް ޗާޖުކުރާނެ ޗާޖިން ސްޓޭޝަންތައް ހެދުމުގެ މަސައްކަތް ވެސް އެމްޓީސީސީން ކުރަމުން އަންނަ ކަމަށް އަމީން ވިދާޅުވި އެވެ.
ޓެކްސީ ލައިންގެ ހިދުމަތް ދިނުމަށް ގެންނަން ނިންމާފައި ވަނީ ތިމާވެއްޓާ ރަށްޓެހި، ބެޓެރީ ކާރެވެ.
މާލެ ސަރަހައްދުގައި ޓެކްސީ ލައިންގެ ހިދުމަތް ދިނުމަށް ނިންމައި އެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ.
"އުއްމީދުކުރަނީ ޖޫން މަސް ނިމި، ޖުލައި މަހުގެ ފުރަތަމަ ހަފުތާގައި މި ހިދުމަތް ތައާރަފުވެގެން ދާނެ ކަމަށް،" އަމީން ވިދާޅުވި އެވެ.
އަމީން ވިދާޅުވީ ސަރުކާރުން ޓެކްސީ ލައިންގެ ހިދުމަތް ފަށަނީ ޓެކްސީ ލިބުމުގައި އާންމުންނަށް މިހާރު ދިމާވާ ދަތިތައް ހައްލުކޮށް، ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށެވެ. އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައި ވެސް ޓެކްސީ ލައިންގެ ހިދުމަތް ފަށަނީ މި ހިދުމަތް ދޭ އެހެން ފަރާތްތަކުން ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ މަގުސަދުގައި ކަމަށް ވެސް އަމީން ވިދާޅުވި އެވެ.
ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ފެށިޔަސް، މި ހިދުމަތް ދޭ އާންމު ފަރާތްތަކަށް އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެ ކަމުގެ ޔަގީން ރޭ ވެސް އަމީން ދެއްވި އެވެ.