ދިވެހިރާއްޖެއަކީ އަޖައިބެއްފަދަ، އަންތަރީސްވާވަރުގެ ރީތި ޤައުމެއް ކަމަށާ އި ރާއްޖޭގެ ފަތުރުވެރިކަމަށް ލިވަޕޫލުން އެހީތެރިވާނެ ކަމަށް އެ ޓީމުގެ ކެޕްޓަން އަދި ދުނިޔޭގެ އެންމެ މޮޅު އެއް ޑިފެންޑަރު ވާޖިލް ވެން ޑައިކް ބުނެފިއެވެ.
ވެންޑައިކް މިހެން ބުނީ ލިވަޕޫލާއި އާއި މޯލްޑިވްސް ޓޫރިޒަމް ބޯޑާއި ދެމެދު މިފަހުން ހެދި އާ ޕާޓްނަޝިޕެއްގެ ތެރެއިން، ޕްރޮމޯޝަނަލް ވީޑިއޯއެއްގައެވެ.
ރާއްޖެ އިޝްތިހާރުކޮށް ފަތުރުވެރިކަން ކުރިއެރުވުމަށް އިނގިރޭސީވިލާތުގެ ކުލަބުން ރަސްމީކޮށް މަސައްކަތް ފެށި މިފަހުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ކުލަބާއިއެކު ބޭއްވި ޚާއްޞަ ބައްދަލުކުރެއްވުމަށްފަހުގައެވެ.
ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމުގެ އިތުރުން، ކުޅިވަރުގެ ކުރިމަގަށް އެހީތެރިވުމަށްޓަކައި ލިވަޕޫލްގެ ޓްރެއިނިންގ ސެންޓަރަށް ވެސް ރައީސް ޒިޔާރަތް ކުރެއްވިއެވެ.
މޯލްޑިވްސް ޓޫރިޒަމް ބޯޑުން އަންނަނީ ބައިނަލްއަގުވާމީ ކުޅިވަރުގެ ފަރާތްތަކާއި ލިވަޕޫލް އެފްސީ ފަދަ ޖަމިއްޔާތަކާ ގުޅިގެން ރާއްޖޭގެ ތަފާތު އެކިއެކި އޮފާތައް ދައްކާލުމަށް މަސައްކަތް ކުރަމުންނެވެ.
ވެން ޑައިކްއާއެކު މި ވީޑިއޯއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާއާއި އަދި ލިވަޕޫލްގެ ސަޕޯޓަރުންނަށް ފެނި އެމީހުންގެ ޝަގުގުވެރިކަން ރާއްޖެއަށް ދަމައިގަންނާނެ ވީޑިއޯއެކެވެ. މި ވީޑިއޯގެ މަޤްޞަދަކީ ވެސް އެއީެވެ.
މި ކެމްޕެއިންގެ ސަބަބުން ސަޕޯޓަރުންނާއި ފަތުރުވެރިންގެ މެދުގައިވެސް މިހާރުވެސް ފޯރިއެއް އުފެދިފައިވާއިރު، ގިނަ ބަޔަކު ދަނީ ރާއްޖެއަށް އައުމަށް ބުކިންތައް ހަދަމުން ކަމަށާއި ރާއްޖޭގެ ޓްރެވެލް އެޖެންޓުންނާއި ވެސް މިފަދަ ވާހަކަތައް ބައެއް ބޭރުގެ ފަރާތްތަކުން ޙިއްސާކުރަމުންދާ ކަމަށް ބައެއް ޓްރެވެލް އެޖެންޓުން ވެސް ބުނެއެވެ.