މިޔަންމާގެ މެދުތެރެއަށް އިއްޔެ ކުރިމަތިވި ވަރުގަދަ ބިންހެލުމުގައި މަދުވެގެން 1000 މީހުން މަރުވެ، އެތައް ބަޔަކު އިމާރާތްތަކުގެ ދަށުވެފައިވާ ކަމަށް ޚަބަރު ލިބިއްޖެއެވެ.
ރިކްޓަރ މިންގަނޑުން 7.7 ގެ ބާރުމިނެއް ރެކޯޑުކުރި މި ބިންހެލުމަކީ މިޔަންމާގައި ފާއިތުވި 100 އަހަރުގެ ތެރޭގައި ކުރިމަތިވި އެންމެ ވަރުގަދަ ބިންހެލުމެވެ. ޔޫއެސް ޖިއޮލޮޖިކަލް ސަރވޭއިން ބުނާ ގޮތުގައި މި ކާރިސާގައި މަރުވާ މީހުންގެ އަދަދު 10،000 އަށްވުރެ އިތުރުވެދާނެއެވެ.
މިޔަންމާގެ ސަރުކާރުގެ ޓީވީ ޗެނަލް އެމްއާރްޓީވީން މިއަދު މަރުވި މީހުންގެ އަދަދު ކަށަވަރުކޮށްދިން އިރު، މަގުތައް ވީރާނާވެ، ކަރަންޓު ކެނޑި، އަދި ޤައުމުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެހީދޭ ޖަމާޢަތްތަކަށް ދަތިތަކާއި ކުރިމަތިވެފައިވެއެވެ.
2021 ގައި ހިނގި ސިފައިންގެ ބަޣާވާތަކާއި ގުޅިގެން މިޔަންމާގައި އަދިވެސް ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ޤުދުރަތީ ކާރިސާތަކަށް އިޖާބަދިނުމުގެ ޤާބިލުކަން ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.
އަވައްޓެރި ތައިލެންޑްގައިވެސް ބޮޑެތި ގެއްލުންތަކެއް ވެފައިވެއެވެ. ބެންކޮކްގައި އިމާރާތްކުރަމުންދިޔަ އުސް އިމާރާތެއް ވެއްޓުމުގެ ސަބަބުން މަދުވެގެން 10 މީހުން މަރުވެ، 100 އަށްވުރެ ގިނަ މީހުން ވަނީ އެ އިމާރާތުގެ ދަށުވެފައި ކަމަށް ވެސް ބައެއް ޚަބަރުތައް ބުނެއެވެ.
ޗައިނާ އަދި އިންޑިއާއަކީ އެހީތެރިކަން ފޮނުވި ފުރަތަމަ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ދެ ޤައުމެވެ. ޗައިނާގެ ޓީމެއް މިއަދު ހެނދުނު މިޔަންމާއަށް ވަނީ ފޮނުވާފައެވެ. އަދި އިންޑިއާއިން ވަނީ މެޑިކަލް އަދި އިމަޖެންސީ އެހީގެ އިތުރުން އިންސާނީ އެހީވެސް ފޮނުވާފައެވެ.