ހިޖުރީ މަހެއް ފެށުމަކަށް އާ މަހުގެ ހަނދު ހަމަލޮލަށް ފެނުން ކޮންމެހެން ލާޒިމް ނޫން ކަމަށް ރާއްޖޭގެ މަޝްހޫރު ފަލަކީ ޢިލްމުވެރިޔާ، ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް މައުމޫން ވިދާޅުވީ އިރު އޮއްސުމަށްފަހު ކިތަންމެ ކުޑަ ހިނދުކޮޅަކަށް ނަމަވެސް ހަނދު ނޯއްސި ހުރިކަން ހިސާބުން ސާބިތުވާނަމަ އާ މަހެއް ފެށުނީ ކަމަށެވެ. އެމަނިކުފާނުނމިހެން ވިދާޅުވީ އަންނަ ފިޠުރު ޢީދު ވާނެ ދުވަހަކާ މެދު ޢިލްމުވެރިން ބަހުސްކުރަމުންދާ ވަގުތެއްގައެވެ.
އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި މާރިޗު 30 ވާ އާދީއްތަ ދުވަހަކީ މިއަހަރުގެ ފިޠުރު ޢީދު ދުވަހަށް ވާނެކަމަށް ވަރަށް ބޮޑަށް ޔަޤީންކުރެވެއެވެ. މިހެން ވިދާޅުވާ ސަބަބުގެ ގޮތުގައި ފާހަގަކުރައްވާފައިވަނީ ސަޢޫދީ ޢަރަބިއްޔާ، މިޞްރު، ތުރުކީ އަދި މޮރޮކޯ ފަދަ އިސްލާމީ ޤައުމުތަކަށް މާރިޗު 29 ވަނަ ދުވަހު އިރުއޮއްސުމަށްފަހު، ހަނދު ނޯއްސި 8 މިނެޓާއި 20 މިނެޓާ ދެމެދުގެ މިންވަރަކަށް ހުންނާނެ ކަމަށް ފަލަކީ ހިސާބުން ދައްކާތީއެވެ.
ރައީސް މައުމޫން ވިދާޅުވެފައިވަނީ މިއީ ހަނދު ސާބިތުކުރުމުގައި ޢަމަލުކުރަމުން އަންނަ އުޞޫލުތަކާއި ހަމަތަކުގެ އަލީގައި ވިދާޅުވާ ވިދާޅުވުމެއް ކަމަށެވެ. ނަމަވެސް، ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމުގެ ޖަލްސާ މާދަމާ ރޭ އޮންނާނެކަން ފާހަގަކޮށްލަން ޖެހެއެވެ.