ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ސުޕްރީމް ކޯޓު ތަމްސީލު ކުރައްވާނެ ފަނޑިޔާރަކަށް ހުސައިން ޝަހީދު ހަމަޖައްސަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މިއަދު ނިންމައިފިއެވެ.
މި ނިންމުން ނިންމާފައިވަނީ ކުރީގެ ޖޭއެސްސީ މެންބަރު، ފަނޑިޔާރު ހުސްނުއް ސުއޫދު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
ފަނޑިޔާރު ޝަހީދު ކުރިން ހުންނެވީ ހައި ކޯޓުގެ އިސް ފަނޑިޔާރަކަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިއްތިފާޤުން އޭނާ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރައްވާފައިވަނީ މިމަހުގެ 19 ވަނަ ދުވަހުގައެވެ.
ހައިކޯޓަށް ޝާހިދު ޢައްޔަންކުރެއްވީ 2018 ވަނަ އަހަރުއެވެ. މީގެ ކުރިން އޭނާ ވަނީ ކްރިމިނަލް ކޯޓުގެ ލީގަލް އޮފިސަރުކަމާއި ފޭދޫ މެޖިސްޓްރޭޓް ކަމާއި ކްރިމިނަލް ކޯޓުގެ ޤާޟީކަން ކުރައްވާފައެވެ. އޭނާ ވަނީ އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީޢާ ޕޮލިސީގެ ދާއިރާއިން މާސްޓާސް ޑިގްރީ އަދި ޖޫރިސްޕްރޫޑަންސް އެންޑް ލޯ، އެލްއެލްބީ ހާސިލްކުރައްވާފައެވެ.
ސުޕްރީމް ކޯޓުގެ ފަރާތުން ޖޭއެސްސީއަށް ޝަހީދު އައްޔަންކުރެއްވިއިރު މިހާރު އެ ކޯޓުގައި ތިއްބެވީ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނާއި، ޑރ. އަޒްމިރާލްދާ ޒާހިރު، ޢާއިޝާ ޝުޖޫން މުޙައްމަދު، މަހާޒު ޢަލީ ޒާހިރު، ޢަލީ ރަޝީދު ޙުސައިން އަދި ޑރ. މުޙައްމަދު އިބްރާހީމެވެ. މީގެ ތެރެއިން ފަނޑިޔާރު އަޒްމިރާލްދާ އާއި މަހާޒު ވަނީ ސުލޫކީ މައްސަލަތަކެއްގައި މިހާރު ސަސްޕެންޑް ކުރެވިފައެވެ.